އެޑިއުކޭޝަން މިނިސްޓްރީ

ހުވަދޫ ސުކޫލުގެ ދަރިވަރުންނަށް ދިން ނާސްތާގައި މައްސަލައެއް ނެތް: އެޑިޔުކޭޝަން

އާނިފާ ހުސެއިން ސިރާޖް

ގދ. ފަރެސްމާތޮޑާ ހުވަދޫ ސްކޫލު ކުދިންނަށް ދިން ނާސްތާގައި މައްސަލައެއް ނެތް ކަމަށް އެޑިޔުކޭޝަނުން ބުނެފި އެވެ.

ހުވަދޫ ސްކޫލުގައި ނާސްތާ ޕެކެޓަކުން ފުޅަ ދުވަނިކޮށް ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

މިނިސްޓްރީން ބުނީ އެ ހަބަރު މިނިސްޓްރީއަށް ލިބުމާ ގުޅިގެން މިނިސްޓްރީގެ ޓީމަކުން އެކަން ހިނގައިދިޔަގޮތް ބެލުމުން ފާހަގަކުރެވިަފއިވަނީ މިދިޔަ ހޯމަ ދުވަހު ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ނާސްތާއަށް ފޯރުކޮށްދެވުނު ތަކެތީގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އެގޮތުން ހޯމަ ދުވަހު ނާސްތާ ފޯރުކޮށްދިނުމަށް ތަކެތި ސަޕްލައިކޮށްފައިވަނީ ހެނދުނު 06:35 ގައި ކަމަށާއި އަދި ތަކެތި ސަޕްލައި ކުރުމުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ އުސޫލާއި އެއްގޮތަށް ސްކޫލުގައި ގާއިމްކޮށްފައިވާ، ނާސްތާގެ ތާޒާކަން ކަށަވަރުކުރާ ކޮމެޓީން އެތަކެތި ހުރީ ކޮންޓްރެކްޓްގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ޔަގީންކޮށްފައިވާ ކަމަށާއި ދަރިވަރުން 07:25 ގައި ނާސްތާ ނަގައި ނިމުމުން ނާސްތާ ފޯރުކޮށްދިނުމަށް ކޮންޓްރެކްޓަރު ބޭނުންކުރި ތަކެތި އެދުވަހުގެ 07:45 ގައި އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެހެންކަމުން ހުވަދޫ ސްކޫލުގެ ދަރިވަރުންގެ ނާސްތާ އާއި ގުޅޭ ވީޑިއޯއެއް ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯއަކީ އެ ސްކޫލުގެ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ނިމުމަށް ފަހު ސްކޫލުގެ ބައެއް މުވައްޒަފުން ހެނދުނުގެ ނާސްތާ ނަގަމުން ދިޔަ ވަގުތު އެބޭފުޅުން ނާސްތާއަށް ބޭނުންކުރަމުން ދިޔަ ތަކެތީގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއްކަމަށެވެ. އަދި އެ ވީޑިއޯ ނަގާފައިވަނީ އެދުވަހުގެ ނާސްތާ ނިމުމުގެ އެ ގަޑިއިރު ފަހުން އެތަކެތި ސްކޫލުން ގެންދިޔަ ފަހުންކަމަށް ވެސް ސްކޫލުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރު ވެސް ފާހަގަކުރައްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަށް ފޯރުކޮށްދެވޭ ތަކެއްޗަކީ ތާޒާ، ސިއްހީ ގޮތުން ފައިދާހުރި ތަކެތި ކަން މިނިސްޓްރީން އަބަދުވެސް ކަށަވަރުކުރަމުން ގެންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން ނާސްތާ ދެވޭ ސްކޫލްތަކުގައި އެކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ނާސްތާ ތާޒާތޯ ކޮންމެ ދުވަހަކު ޗެކުކުރުމާއި ދިމާވާ އެހެނިހެން ކަންކަން ހައްލުކުރުމުގެ ގޮތުން ސްކޫލުތަކުގައާއި އެޑިއުކޭޝަން މިނިސްޓްރީގައި އުފައްދާފައިވާ ކޮމެޓީތަކުން ނާސްތާގެ އެންމެހާ ކަންކަން އަންނަނީ ދުވަހީގޮތެއްގައި ބަލަމުން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގެންނަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ދަރިވަރުންނާ ގުޅޭ މިފަދަ މުހިންމު ކަންކަމުގައި ކަންހިނގާފައިވާ ގޮތް ނުބަލައި ޒިންމާދާރުކަން ކުޑަ ގޮތަކަށް މީޑިއާގައި މައުލޫމާތު ފަތުރަމުން ދިއުމުގެ ސަބަބުން ބެލެނިވެރިންގެ އިތުބާރު ގެއްލޭކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.