ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހީމް ބައްލަވައިގަންނަން އުޅުއްވި ދެ ފުލެޓަށް ފައިސާ ދައްކަން ބޭނުންފުޅުވީ ފިނޭންސް މިނިސްޓްރީގެ ލޯނަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހީމް ބައްލަވައިގަންނަން އުޅުއްވި ދެ ފުލެޓަށް ފިނޭސް މިނިސްޓްރީގެ ލޯނަކުން ފައިސާ ދައްކަން ބޭނުންފުޅުވި ކަމަށާއި، ނަމަވެސް އެކަމަށް ރައީސް ޔާމީން އިންކާރު ކުރެއްވި ކަމަށެވެ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވި ސަބަބު އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.
ނިޔާޒުގެ މައްޗަށް މިފަދަ ތުހުމަތެއް ކުރައްވައި، މުސްތަފާ މިއަދު ޓުވީޓެއް ކުރެއްވި އިރު، ނިޔާޒުވެސް މިއަދު ވަނީ މަޖިލީހުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ޓުވީޓެއް ކުރައްވާފައެވެ. އެގޮތުން ނިޔާޒު ކުރެއްވި ޓުވީޓުގައި ވަނީ ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހު ގައުމަށް ޖެހުނު ހުރިހާ މުސީބާތްތަކެއްގެ އަސްލަކީ މަޖިލީހުގައި ޚިޔާނާތްތެރިން ގިނަވުން ކަމަށް ވިދާޅުވެފައެވެ.
އަދި ނިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ސާފު ކުރަންޖެހޭ ކަމަށެވެ. ބަޔަކު ކިތަންމެ ނުރުހުނަސް ނިޔާޒުގެ އަމިއްލަ ޚިޔާލާއި ފިކުރު، ދުލާއި ގަލަމާއި އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ފާޅު ކުރައްވާނެ ކަމަށް ނިޔާޒުގެ ޓުވީޓުގައި ވެއެވެ. ނިޔާޒު ފުލެޓެއް ބައްލަވައިގަންނަން އުޅުއްވި ކަމަށް ތުހުމަތު ކުރައްވާ މުސްތޮފާ ދެއްކެވި ވާހަކަތައް ނިޔާޒު ވަނީ ދޮގު ކުރައްވާފައެވެ.