ކުޑަކުދީން

ދަންވަރު މަގުމަތީގައި އެކަނި ރޯން ހުރި ކުޑަ ކުއްޖެއް ބެލެނިވެރިންނާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ރޭ ދަންވަރު މަގުމަތީގައި އެކަނި ރޯން ހުއްޓާ ފުލުހުންނަށް ފެނުނު ކުޑަ ކުއްޖެއް އެކުއްޖާގެ ބެލެނިވެރިންނާއި ހަވާލުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ 12:43 ހާއިރު އެ ކުއްޖާ މަގުމަތީ ރޯން ހުއްޓާ ފެނުނީ މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހަކަށެވެ. އަދި އެ ކުއްޖާ ފެނުމާއެކު ފުލުހުންގެ ހިމާޔަތުގެ ދަށަށް އެކުއްޖާ ގެންގޮސް، ރޭ މެންދަމު އެކެއް ޖެހި އިރު އެކުއްޖާ އޭނާގެ ބެލެނިވެރިންނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި ސުވާލު ކުރުމުން އެ މިނިސްޓްރީން ވަނީ އެފަދަ މައްސަލައެއް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާކަމަށް ބުނެފައެވެ. ޖެންޑާއިން ބުނީ މިފަދަ ހަބަރެއް މީޑިއާތަކުން ފެނިފައިވާތީ ފުލުހުންނާ ގުޅިގެން އެ ކުއްޖާގެ ގެޔަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.