ނޭމާ

ނޭމާ އެނބުރި އައިސް، ކޮލަމްބިއާ އަތުން ބްރެޒިލް ސަލާމަތްކޮށްދީފި

އަލީ ރިފްޝާން

އަނިޔާއަށް ފަހު ނޭމާ ކުޅުމަށް އެނބުރި އައިސް، ކޮލަމްބިއާ އަތުން ބްރެޒިލް ސަލާމަތްކޮށްދީފިއެވެ.

އެމެރިކާގައި ރޭ ބްރެޒިލް އާއި ކޮލަމްބިއާ ބައްދަލުކުރި އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ރޭގެ މެޗަކީ ތިން މަހަށް ފަހު ނޭމާ ކުޅުނު ފުރަތަމަ މެޗެވެ.

ރަޑަމެލް ފަލްކާއޯ އާއި ހަމޭސް ރޮޑްރިގޭސް ނުލައި ކުޅުނު ކޮލަމްބިއާއަށް މެޗުގެ ކުރީކޮޅުގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޑުވާން ޒަޕާޓާ އާއި ހުއާން ކުއަޑްރާޑޯ ފޮނުވާލި ހަމަލާ ވެސް ބްރެޒިލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ނޭމާ ނަގައިދިން ކޯނަރަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކަސެމީރޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ބްރެޒިލަށް ކަސެމީރޯ ލީޑު ހޯދައިދިންތާ ހަ މިނެޓު ތެރޭ ކޮލަމްބިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޮލަމްބިއާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް މުރިއަލްއެވެ. އެލިސަން ބެކާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ރޭގެ މެޗުގައި ބްރެޒިލްގެ ގޯލު ބަލަހައްޓަމުންދިޔައީ މެންޗެސްޓާ ސިޓީގެ އެއް ނަމްބަރު ކީޕަރު އެޑާސަންއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ޒަޕާޓާ ދިން ބޯޅައަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މުރިއަލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

މެޗުގައި ބްރެޒިލް އިން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ޑެނީ އަލްވޭސް ދިން ބޯޅައަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވަޑް ނޭމާއެވެ. އެ ލަނޑަކީ ބްރެޒިލް ގައުމީ ޓިމަށް ނޭމާ ކާމިޔާބުކޮށްދިން 61 ވަނަ ލަނޑެވެ.