އެޑިއުކޭޝަން މިނިސްޓްރީ

ބިދޭސީ ޓީޗަރުން ތިބި 1800 އަށްވުރެ ގިނަ ވަޒީފާއަށް ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ބިދޭސީ ޓީޗަރުން ތިބި 1849 މަގާމަކަށް ދިވެހި ޓީޗަރުން ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދެ އިއުލާނެއް ކޮށްފިއެވެ.

ބިދޭސީ ޓީޗަރުންގެ ބަދަލަށް ދިވެހި ޓީޗަރުން ހޯދުމަށް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށެވެ.

މި ދެ އިއުލާނުން މިނިސްޓްރީން ވަނީ ސައިންސް، އާޓްސް އަދި ބިޒްނަސް ދާއިރާގެ މާއްދާތަކަށް ޓީޗަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. މީގެ އިތުރުން ބީ-ޓެކް ގެ އެކި މާއްދާތަކާއި އޭ ލެވެލް ގެ އެކި މާއްދާތަކަށްވެސް ދިވެހި ޓީޗަރުން ހޯދުމަށް އިއުލާނުކޮށްފައިވެއެވެ.

ތަފާތު ދެ އިއުލާނެއް މިނިސްޓްރީން ދިވެހި ޓީޗަރުން ހޯދުމަށް ނެރެފައިވާއިރު، މިދިޔަ މަހު 27 ގައި ނެރެފައިވާ އިއުލާނުގައިވާ މަގާމުތަކަށް ކުރިމަތި ލުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު އަށްވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. އަދި މިމަހު އެކެއްގައި އިއުލާނު ކުރި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ޓީޗަރުންނަށް އެމަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 10 ވަނަ ދުވަހެވެ.

މި ދެ އިއުލާނުގައިވާ ޓީޗަރުންގެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޓީޗަރުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މިމަހު 15 އާއި 30 ވަނަ ދުވަހާއި ދެމެދު، އެމީހަކު ކުރިމަތިލި މަގާމު އޮތް އޮފީހުގައި ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭ އިރު، ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އަދި މިނިސްޓްރީގެ ކައުންޓަރުންނާއި މަގާމް އޮތް އޮފީހަކުން ލިބެން ހުންނާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.