ފީފާ ދަ ބެސްޓް

ފީފާ ދަ ބެސްޓް އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ، ރޮނާލްޑޯ އަދި ވެން ޑައިކް

ފީފާ ދަ ބެސްޓް އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ޝޯޓްލިސްޓުގައި ވެސް އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިވަޕޫލުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ހިމެނިއްޖެއެވެ.

މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކުރީ އެ ތިން ކުޅުންތެރިންނެވެ. މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސައިލުމަށްފަހު ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ވެން ޑައިކްއެވެ.

މިދިޔަ އަހަރުގެ ފީފާ ދަ ބެސްޓް އެވޯޑު ހޯދާފައިވަނީ ވޯލްޑް ކަޕް 2018ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. އޭނާ އެ އެވޯޑު ހޯދާފައިވަނީ ރޮނާލްޑޯ އާއި ލިވަޕޫލްގެ ސެނަގާލް ފޯވަޑް ސާޑިއޯ މާނޭއާ ވާދަކޮށްގެންނެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑަށް ވާދަކުރަނީ ލިވަޕޫލުގެ ބްރެޒިލް ކީޕަރު އެލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ ބްރެޒިލް ކީޕަރު އެޑާސަން އަދި ބާސެލޯނާގެ ޖަރުމަން ކީޕަރު މާކް ޓާ ސްޓެގަންއެވެ. މިއަހަރުގެ ޔޫއެފާ އެންމެ މޮޅު ކީޕަރުގެ މަގާމަށް ހޮވިފައިވަނީ އެލިސަންއެވެ.

ދަ ބެސްޓް އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ ތިން ކޯޗުންގެ ތެރޭގައި ހިމެނުނީ އިނގިރޭސި ކްލަބުތަކަށް އިރުޝާދު ދެމުން އަންނަ ތިން ކޯޗެކެވެ. އެއީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީއަށް އިނގިރޭސިވިލާތުގެ ދެ މުބާރާތް ކާމިޔާބުކޮށްދީފައިވާ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލަށް މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޔާގަން ކްލޮޕް އަދި ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިދިން ކޯޗު މައުރީސިއޯ ޕޮކެޓީނޯއެވެ.

އަހަރުގެ އެންމެ ރީތި ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ދޭ ފީފާ ޕުސްކަސް އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނެއެވެ. އެ އެވޯޑަށް ނޮމިނޭޓް ވެފައިވަނީ ރެއާލް ބެޓިސްއާ ދެކޮޅަށް މެސީ ޖެހި ޗިޕް ގޯލެވެ. މެސީއާއެކު އެ އެވޯޑަށް ދެން ވާދަކުރަނީ ރޭސިން ކްލަބާ ދެކޮޅަށް ކުޅުނު މެޗެއްގައި ރިވާ ޕްލޭޓްގެ ހުއާންފާ ކުއިންޓޭރޯ ކާމިޔާބުކުރި ހިލޭ ޖެހުމާއި ހަންގޭރީގެ ޑެބްރެކެންގެ ޑެނިއެލް ޒޯރީ ކާމިޔާބުކުރި ލަނޑެކެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ދެ ކުޅުންތެރިން ކަމަށްވާ މޭގަން ރެޕިނޯ އާއި އެލެކްސް މޯގަންގެ އިތުރުން އިނގިރޭސި ޑިފެންޑަރު ލޫސީ ބްރޮންޒެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އިޓަލީގެ މިލާނުގައެވެ.