ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުމުގެ އިތުރުން ފަށުއިމާ ހިނގުމުން ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށެވެ.
އަދި އެ ސަރަހައްދުތަކުގައި ވެސް ވިޔަފާރި ކުރުމަށް ހުއްދަ ދެވޭނީ ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ބެލުމަށް ފަހު ކަމަށް އެ އިއުލާނުގައިވެއެވެ.
ނިރޮޅު މަގަކީ ހުޅުމާލޭގެ ދިގަށް އޮންނަ މައި މަގެވެ. ހުވަނދުމާ ހިނގުމަކީ، ހުޅުމާލޭ ހޮސްޕިޓަލު ހުންނަ މަގެވެ. އެއީ މިހާރު ވެސް ގިނަ ފިހާރަތަކެއް ހިންގާ ސަރަހައްދެކެވެ. ފަށުއިމާ ހިނގުމަކީ، ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދެވެ. އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓް ހުންނަނީ މި ސަރަހައްދުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި، ކެންޓީނާ ބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވައިދުގެ ދަށުން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދެވޭނީ އެ ތިން ސަރަހައްދެއްގައި ކަމަށެވެ.