ސްޕެނިޝް ލަލީގާ

ދެ ލަނޑާއެކު ބޭލްއަށް ރަތް ކާޑެއް، ވިޔަރެއާލް އަތުން ރެއާލަށް ޕޮއިންޓެއް

އަލީ ރިފްޝާން

ސްޕެނިޝް ލަލީގާގައި ވިޔަރެއާލް ކޮޅަށް ދެ ލަނޑު ކާމިޔާބުކޮށް، ރެއާލް މެޑްރިޑްގެ ވޭލްސް ފޯވަޑް ގެރެތު ބޭލް ރަތް ކާޑެއް ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލާއި ރެއާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ ވިޔަރެއާލްގެ ދަނޑުގައެވެ.

ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ވިޔަރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް ޖެރާޑް މޮރޭނޯއެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ޖަވީ އޮންޓިވެރޯސް ދިން ބޯޅައަކުން ވިޔަރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މޮއި ގޮމޭސްއެވެ.

ދެވަނަ ފަހަރަށް ރެއާލަށް ބޭލް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. ބޭލް އެ ލަނޑު ކާމިޔާބުކުރީ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ދިން ބޯޅައަކުންނެވެ.

މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ރެއާލްގެ ބޭލް، މެޗު ނިންމާލީ ރަތް ކާޑަކާއެކުއެވެ. މެޗުގެ ދެވަނަ ހާފު އިތުރު ވަގުތުކޮޅުގެ ތެރޭގައި ބޭލްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވަނީ އޭނާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގައި ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ރެއާލް އޮތް އިރު، ބާސާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ލަލީގާ ތާލުގެ އެއްވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ލީގުގައި ކުޅުނު ތިން މެޗުން އެތުލެޓިކޯއަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެތުލެޓިކް ކްލަބު އަދި ތިންވަނައިގައި އޮތް ސެވިއްޔާއަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.