ސްޕެނިޝް ލަލީގާ

ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ލަލީގާގައި ވާދަކުރާ އޮސަސޫނާ އިން ބާސާ ހިފަހައްޓައިފި

އަލީ ރިފްޝާން

ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ސްޕެނިޝް ލަލީގާގައި ވާދަކުރާ އޮސަސޫނާ އިން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ހިފަހައްޓައިފިއެވެ.

އޮސަސޫނާގެ އަމިއްލަ ދަނޑުގައި ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ލަލީގާ 17-2016 ސީޒަނުގައި ރެލިގޭޓްވުމާ ގުޅިގެން މިދިޔަ ސީޒަނުގައި އޮސަސޫނާ ވާދަކޮށްފައިވަނީ ސްޕެއިންގެ ދެވަނަ ޑިވިޝަންގައެވެ. މިސީޒަނުގައި އަލުން ލަލީގާއަށް އޮސަސޫނާ ޕްރޮމޯޓުވެފައިވަނީ ދެވަނަ ޑިވިޝަން ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ.

މިސީޒަނުގެ ލަލީގާގައި ބާސާ ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެ ބައްޔަށް ފަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން 5-2ގެ ނަތީޖާއަކުން ބާސާ ވަނީ މޮޅުވެފައެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބާސާގެ މުހިންމު ތިން ކުޅުންތެރިޔަކު ފެނިފައެއް ނުވެއެވެ. އެ މެޗުގައި ވެސް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ފެނިގެންގޮސްފައި ނުވާ އިރު، އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒާއި ފްރާންސް މިޑްފީލްޑަރު އޮސްމާނޭ ޑެމްބެލޭ ވެސް އަނިޔާގެ ސަބަބުން އެ މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ.

އެ މެޗުގައި ބާސާ އިން ހަމައަކަށް ނޭޅި އުޅެނިކޮށް، އޮސަސޫނާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ބްރެންޑަން ދިން ބޯޅައަކުން އޮސަސޫނާއަށް ލީޑު ހޯދައިދިނީ ރޮބާޓޯ ޓޮރޭސްއެވެ.

އޮސަސޫނާގެ އެ ލަނޑަށްފަހު ބާސާ އިން ޑޮމިނޭޓްކޮށްގެން ކުޅެ، މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އޮސަސޫނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓު ތެރޭ ބާސާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކާލެސް ޕެރޭސް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 16 އަހަރުގެ ފޯވަޑް އަންސުމާނޭ ފަޓީއެވެ. އެ ލަނޑަކީ ބާސާގެ ސީނިއާ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ބާސާ އިން ވަނީ މެޗުގެ 64 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިފައެވެ. ކާލެސް ޕެރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އާތާ މެލޯއެވެ.

ބާސާ އިން މޮޅެއް ޔަގީންކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އޮސަސޫނާ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑަކީ މެޗުގެ 82 ވަނަ މިނެޓުގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް ޕީކޭ ބޯޅައިގައި އަތްލުމުން ލިބުނު ޕެނަލްޓީއަކުން އޮސަސޫނާ އިން ކާމިޔާބުކުރި ލަނޑެކެވެ. އޮސަސޫނާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮބާޓޯ ޓޮރޭސްއެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ވާދަވެރި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކް ކްލަބާއި ދެވަނައިގައި އޮތް ސެވިއްޔާއަށް ވެސް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.