ޕްރިމަރީ އަށް ބިރު ނުގަންނަ ކަމަށާއި ނިކުންނާނީ އެމްޑީޕީން ކަމަށް ގޮނޑީގެ މައްސަލަ ކުރިމަތިވި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ އޭނާ އަކީ 2009 ގެ ފަހުން އެންމެ ގިނައިން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވި ފަރާތް ކަމަށާއި އެންމެ ގިނައިން ގޮނޑި ވެސް ގެއްލިފައިވާ ފަރާތް ކަމަށެވެ. ރައްޔިތުންގެ ވޯޓަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ މި ގޮތަށް ޓުވީޓު ކުރެއްވި އިރު، ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުންނަށް ޕްރިމަރީއަކާ ނުލައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ދޭން ގުޅިފައިވާ އިއްތިހާދުން ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަ ޕާޓީތަކުގެ ތެރޭގަ އާއި އާންމު ރައްޔިތުންގެ މެދުގައި މިހާރު ވަނީ ހޫނުވެފަ އެވެ.