ގައުމުގެ ހާލަތު މިހާ ނިކަމެތި ދަރަކައަކަށް ވެއްޓިގެން ދިއުމުގައި، ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް އިބްރާހީމް ނިޔާޒް ވިދާޅުވެއްޖެ އެވެ.
ނިޔާޒް އިބްރާހީމް މިހެން ވިދާޅުވީ ރޭ، އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނިޔާޒް ވިދާޅުވީ 12 މެންބަރުންނާ މެދު ކަންތައްތައް ވެގެން ދިޔަ ގޮތް އިންސާފުވެރި ނޫން ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ 12 މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވި ނަމަ ޔާމީން އަށް އަނިޔާވެރި ވެރިކަމެއް ނުކުރެއްވުނީސްކަން ޔަގީން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ބެލެވޭ ގޮތުގައި މަޖިލީހަށް ހާޒިރު ނުވެނުނު ދުުވަސްތަކަށް ވެސް މުސާރަޔާއި އިނާޔަތްތައް ދައުލަތުން ދޭނެ. ވީމާ 12 މެންބަރުންނާ މެދު ކަންތައް ވީގޮތް އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ؟" ނިޔާޒްގެ ވިދާޅުވި އެވެ.
ނިޔާޒްގެ ޕޯސްޓުގައި ވަނީ ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަބަކަކަށް ލާފައި ވެދުން ކުރަން ޖެހޭތޯ ސުވާލު އުފައްދަވައިފަ އެވެ.
ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް މިގޮތަށް ވިދާޅުވި އިރު، ގޮނޑީގެ މައްސަލަ ޖެހުނު 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ޓިކެޓް ދޭން ގުޅިފައިވާ އިއްތިހާދުގެ ލީޑަރުން ވަނީ ނިންމަވައިފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.