ސްޕެނިޝް ލަލީގާ

ގްރީޒްމަންގެ ދެ ލަނޑާއެކު ބާސާއިން ފުރަތަމަ މޮޅު ހޯދައިފި

އަލީ ރިފްޝާން

ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ދެ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ސްޕެނިޝް ލަލީގާގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން ބާސާ މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ. އަނިޔާއާ ގުޅިގެން އެ މެޗުގައި ވެސް ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ފެނިގެންގޮސްފައެއް ނުވެއެވެ.

އެ މެޗުގައި ބާސާއިން ރަނގަޅަށް ކުޅެމުންދަނިކޮށް، ބެޓިސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލޮރެން މޮރޮން ދިން ބޯޅައަކުން ބެޓިސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ މަހު އެޓީމާ ގުޅުނު ފްރާންސް ފޯވަޑް ނަބީލް ފެކީރްއެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ.

ހަމަލާތަކަކަށްފަހު ބާސާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ސާޖިއޯ ބުސްކެޓްސް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަނުގައި އެތުލެޓިކޯ މެޑްރިޑު ދޫކޮށް، ބާސާއާ ގުޅުނު ގްރީޒްމަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ތެރޭ ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ބުސްކެޓްސް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގްރީޒްމަންއެވެ. ބެޓިސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގައި ބާސާ އިން ޖެހި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 56 ވަނަ މިނެޓު އަދި 60 ވަނަ މިނެޓުގައެވެ. ނެލްސަން ސެމޭޑޯ ދިން ބޯޅައަކުން ބާސާގެ ތިންވަނަ ލަނޑު ކާލެސް ޕެރޭޒް ކާމިޔާބުކޮށްދިން އިރު، ބުސްކެޓްސް ދިން ބޯޅައަކުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔޯޑީ އަލްބާއެވެ.

މެޗުގައި ބާސާއިން ޖެހި ފަސްވަނަ ލަނޑު ފެނިގެންދިޔައީ 77 ވަނަ މިނެޓުގައެވެ. ގްރީޒްމަން ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އާޓުރޯ ވިޑާލްއެވެ. ބެޓިސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ވިޑާލް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ބާސާއިން އެޓީމުގެ ފަސްވަނަ ލަނޑު ޖެހިތާ ދެ މިނެޓުގެ ތެރޭގައި ބެޓިސް އިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބެޓިސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޮރެން މޮރޮންއެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ބޭރުން މޮރޮން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ.

ބާސާއިން ކުޅުނު ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު ވަނީ ލަލީގާ ތާވަލުގެ ނުވަވަނައަށް ޖެހިލައިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސެވިއްޔާ އާއި ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސެވިއްޔާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.