ސްޕެނިޝް ލަލީގާގައި ރެއާލް ވަޔަޑޮލިޑުން ރެއާލް މެޑްރިޑް ހިފަހައްޓައިފިއެވެ.
މެޑްރިޑްގެ އަމިއްލަ ދަނޑު، ސެންޓިއާގޯ ބެރްނެބުއޭގައި ރޭ ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެޑްރިޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން، ވަޔަޑޮލިޑްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ގެރެތު ބޭލް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ 30 މިނެޓު ނިމުމުގެ ކުރިން މެޑްރިޑްގެ ރޮޑްރިގޭޒަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ރޮޑްރިގޭޒްގެ އެ ދެ ހަމަލާ ވެސް ވަޔަޑޮލިޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ވެސް މެޑްރިޑަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޓޯނީ ކްރޫސް ދިން ބޯޅައަކުން ކަރީމް ބެންޒެމާ ފޮނުވާލި ހަމަލާއެއް ވަޔަޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް މަތަކުރި އިރު، އިސްކޯ ދިން ބޯޅައަކުން ބޭލް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެޑްރިޑްގެ ލޫކާ ޖޮވިޗްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޭލް ނަގައިދިން ހުރަހަކުން ޖޮވިޗް ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ވަޔަޑޮލިޑްގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ވަޔަޑޮލިޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ބޭރުން ވަޔަޑޮލިޑްގެ ސްޕެއިން މިޑްފީލްޑަރު ވަލްޑޯ ރޫބިއޯ ފޮނުވާލި ބާރު ހަމަލާ، މެޑްރިޑްގެ ކީޕަރު ތިބައުޓް ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޑްރިޑުން ވަނީ މެޗުގެ 82 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރަފައެލް ވަރާން ދިން ބޯޅައަކުން މެޑްރިޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. ވަޔަޑޮލިޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެންޒެމާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ.
މެޑްރިޑުން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް، ވަޔަޑޮލިޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޮސްކާ ޕްލާނޯ ދިން ބޯޅައަކުން ވަޔަޑޮލިޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖީ ގާޑިއޯލާއެވެ. މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގާޑިއޯލާއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދި ސެވިއްޔާއެވެ. ދެވަނައިގައި އޮތް މެޑްރިޑާއި ތިންވަނައިގައި އޮތް ވަޔަޑޮލިޑާއި ހަތަރުވަނައިގައި އޮތް އެތުލެޓިކް ކްލަބު އަދި ފަސްވަނައިގައި އޮތް އޮސަސޫނާއަށް ވެސް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މެޑްރިޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މިހާތަނަށް ލީގުގައި ކުޅެފައިވަނީ އެންމެ މެޗެކެވެ. އެ މެޗުން ބާސާ ވަނީ ބަލިވެފައެވެ. އެހެންކަމުން މިވަގުތު ބާސާ އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.