އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ހާޒިރުކުރަން ކުރިން އޮތް ނަމަވެސް އެކަން އަންނަ ހަފުތާއަށް ފަސް ކޮށްފިއެވެ.
ބިޝާމް މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކުރަން ހަމަޖެއްސީ، 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ގައި އޮޑިޓަރު ޖެނެރަލް ނެރުއްވި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންތައްތަކާ ބެހޭގޮތުންނެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައިވާ ގިނަ ކަންތައްތަކެއް ބެލުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފައެވެ.
އެގޮތުން އޮޑިޓް ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިޔަން ރުފިޔާ އާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ބިޝާމް ވަނީ ހާޒިރު ކޮށްފައެވެ.
އެފަހަރު ބިޝާމް ހާޒިރުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށެވެ.