މުހައްމަދު މުސްތަފާ

ދައުލަތުގެ ފައިސާގައި 32 މީހަކު ޖެހިފައިވާކަން އެނގެން އެބައޮތް: މުސްތަފާ

1

ދައުލަތުގެ ފައިސާގައި 32 މީހަކު ޖެހިފައިވާކަން އެނގެން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ދައުލަތުގެ ފައިސާގައި ޖެހިފައި އޮތް 32 މީހުންގެ ލިސްޓެއް އޭނާއަށް ދާދިފަހުން ފެނުނު ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

"އިހަށްރޭ އަޅުގަނޑު އަމިއްލަގޮތުން ބަލައިލި ލިސްޓެއްގައި ދައުލަތުގެ ފައިސާގަ ޖެހިގެން މިހާރު އެބައުޅޭ 32 މީހުން. އަޅުގަނޑު މިހާރު އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ވައްދަން ޖެހިދާނެ. ވަރަށް ބޮޑެތި އަދަދުގެ ޚިޔާނާތްވެފަ އޮތީ. ސަރުކާރު ކުންފުނިތަކުން ސީދާ ގޮތެއްގައި ސަރުކާރުން ޚިޔާނާތާ ވައްކަން ފެންނާނެ ކަންތައްތައް އެބަހުރި. މި އެއްޗިހި މިހާރު ވަނީ ލިސްޓުކޮށްފަ،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ފޮނުވައިގެން ޚިޔާނާތްވެފަ ތިބި މީހުންނަށް އަދަބުދީގެން ނޫނީ ރާއްޖޭގެ މުސްތަގުބަލް ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ.

"އެހެންވީމަ މިރާއްޖޭގެ މުސްތަގުބަލަށް ޓަކައި، އަންނަން އޮތް ޖީލަށްޓަކައި މިކަންކަން ކުރެވެން އެބަޖެހޭ. މިއީ ކުރެވެން ޖެހޭ ކަންތައްތައް،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލިބިފައިވާ ޚިޔާނާތުގެ މައުލޫމާތުތައް ބަލައިލުމުން ހައިރާންވި ކަމަށާއި އެންމެ މީހަކު ނުވަ މިލިއަން ޑޮލަރުން ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާ ތަހުގީގީ ކޮމެޓީއެއް ހަދަންޖެހޭ. އެތަނުން ތަހުގީގީ އިދާރާއަށް ފޮނުވަން ވާނީ. ވަރަށް ބޮޑެތި އަދަދުގެ ފައިސާ ދައުލަތުން ގެއްލިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހައިރާންވި އެންމެ މީހަކު، ސަރުކާރުގެ ވެރިއެއް އަޅުގަނޑު ރޭގެ ބަލައިލި ހިސާބުގައި ނުވަ މިލިއަން ޑޮލަރުން ޚިޔާނާތްވެފަ ވަނީ. ނުވަ މިލިއަން ޑޮލަރު އެއީ 140 މިލިއަން ރުފިޔާ. 140 މިލިއަން ރުފިޔާ އިން 200 މިލިއަން ރުފިޔާ އިން 300 މިލިއަން ރުފިޔާ އިން. މިސާލަކަށް ބާޖެއް ގަންނަން ސަރުކާރަށް ބާޖެއް ގަންނަން ހަވާލުކުރީމަ ދެ ބާޖު ގަނެފަ ސަރުކާރަށް ދެއްކީ އެއްބާޖު. މާނައަކީ ބާޖެއް ގަތީ ދޮޅު މިލިއަން ޑޮލަރު ޚަރަދުކޮށްފަ އޭނަ ގެންނަނީ ދެ ބާޖު. އޭނަ ދައުލަތަށް ދައްކަނީ އެއް ބާޖު. އެހެންވީމަ މިހެންގޮސް މުޅި ދައުލަތް އޮތީ ދޮވެލާފަ،" މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ އެކަމުގެ މާހިރަކު ރަނގަޅަށް ދިރާސާކޮށްފިނަމަ އެމީހަކު ހޭނެތޭ ހިސާބުގައި ކަމަށެވެ.

"ހަމަ ހޭނެތޭ ހިސާބުގަ އޮތީ. މިރާއްޖެ އޮތީ ވަރަށް ދަށު ދަރަޖައިގައި. ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި. ދަރަނިވެރިވެފަ އިންތިހާއަށް އޮތީ،" މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށްބޮޑަށް ހަލާކުކޮށް ދުވަސް ދުއްވާލާފައި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ރާއްޖެއަށް ލިބޭހާ ފައިސާ ދައްކަންޖެހޭނީ ދަރަންޏަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟