އެޑިއުކޭޝަން މިނިސްޓްރީ

ދެ ރަށެއްގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށާއި އެއް ރަށުގައި ދެ ކުލާސް ރޫމު އަޅަން ބަޔަކާ ހަވާލުކޮށްފި

ދެ ރަށެއްގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށާއި އެއް ރަށުގައި ދެ ކުލާސް ރޫމު އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހދ.ނެއްްލައިދޫ ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އިންޓަލޮކް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ނަވާޒް ޝަރީފެވެ.

ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ މިއަހަރުގެ ޑިސެންބަރުގެ ނިޔަލަށެވެ.

މީގެ އިތުރުން އއ. ތޮއްޑޫ ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލުގައި މަލްްޓި ޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖަރު ފާއިމަތު ލައިސާ ލަތީފެވެ.

އއ. ތޮއްޑޫގައި އަޅާ މަލްޓި ޕަރޕަސް ހޯލްގެ އަގަކީ ހަތް މިލިއަން ރުފިޔާއެވެ. އަދި ރ. ހުޅުދުއްފާރުގައި އަޅާ މަލްޓި ޕަރޕަސް ހޯލްގެ އަގަކީވެސް ހަތް މިލިއަން ރުފިޔާއެވެ.

މި މަލްޓި ޕަރޕަސް ހޯލުގައި ކޮންޓްރޯލް ރޫމަކާއި ދެ ޗޭންޖިންގ ރޫމާއި ސްޓޯރޫމާއި ހަތަރު ފާހާނައާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފާހާނާއަކާއި އަދި އިމާރާތައް ވަނުމާއި ސްޓޭޖަށް އެރުމަށް ރޭމްޕް ހެދުން ވެސް ހިމެނެއެވެ.