މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މާޒިޔާގެ ޒުވާން ޓީމު ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކޮށް، ތާރީހުގެ ތެރެއަށް

އަލީ ރިފްޝާން

އިންޑިއާގެ ބެންގަލޫރު ބަލިކޮށް، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޒުވާން ޓީމު ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކޮށްފިއެވެ.

އިންޑިއާގައި ކުރިއަށްދިޔަ "ޗެމްޕިއަންސް އޮފް އިންޓަނޭޝަލް ކަޕް އޮފް ޖޯއީ"ގައި މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މިއަދު ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ބެންގަލޫރުގެ މައްޗަށް މާޒިޔާ އިން ކުރި ހޯދީ ފަހަތުން އަރައި 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވެސް މާޒިޔާގެ ޒުވާން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކްލަބެއްގެ އެކަޑަމީ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެ މުބާރާތުގައި މާޒިޔާގެ އިތުރުން އިންޑިއާގެ ޖޫނިއާ އައި ލީގުގެ ވަރުގަދަ ޓީމުތަކާއި އިންޑިއާ ސުޕާ ލީގު (އައިއެސްއެލް)ގެ ކްލަބުތަކުގެ އެކަޑަމީތަކުގެ ޓީމުތައް ވާދަކޮށްފައިވެއެވެ. މީގެ ކުރިން އެކި ގައުމުތަކުގެ ޓީމުތައް އެ މުބާރާތުގައި ވާދަކުރި ނަމަވެސް، މިފަހަރު އިންޑިއާ އިން ބޭރު ޓީމަކަށް ވާދަކޮށްފައިވަނީ ހަމައެކަނި މާޒިޔާ އިންނެވެ.

މުބާރާތުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗު ފިޔަވައި އެހެން ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ރިލަޔަންސް އެކަޑަމީ އަތުން ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި 6-0ގެ ނަތީޖާއަކުން މާޒިޔާ ވަނީ ފަސްޓް ކިކް އެސްއެސްއޭ އަތުން މޮޅުވެފައެވެ.

މާޒިޔާ އިން ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ޗެންނާއީ އެފްސީ ބަލިކޮށްގެންނެވެ. މިއަދު ހެނދުނު ކުޅުނު އެ މެޗުން މާޒިޔާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މާޒިޔާގެ 14 އަހަރުން ދަށުގެ ޒުވާން ޓީމު ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކޮށްފައިވާ އިރު، ދާދި ފަހުން އަމިއްލަ ގައުމުގައި ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އައްޑޫ ސިޓީގައި ކުރިއަށްދިޔަ އެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ އިރު، އެޓީމަށް މުބާރާތުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.