ދިރާގު

ދިރާގުން 5ޖީ ތައާރަފުކޮށްފި، އެ ހިދުމަތް ތައާރަފުކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ

މުހައްމަދު އައުޒަމް

1

ދިރާގުން މުވާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޯބައިލް އިންޓަނެޓް ކަނެޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އެކުންފުނިން 5ޖީ ހިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އާބާދީ އެންމެ ބޮޑު ތިން ސަރަހައްދަކަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އެއީ މާލެ، ވިލިމާލެ އަދި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކަށާއި އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކަށް އަދި ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށެވެ.

އެ ސަރަހައްދުތަކުގައި 5ޖީ ސަޕޯޓުކުރާ ޑިވައިސް ގެންގުޅޭ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޑޭޓާ ޗާޖަކާ ނުލައި މިހާރު އެމީހަކު ބޭނުންކުރާ ސިމް މެދުވެރިކޮށް 5ޖީގެ ހިދުމަތް ލިބޭނެ ކަމަށާއި ދުނިޔޭގައި މިވަގުތު 5ޖީ ސަޕޯޓުކުރާ ޑިވައިސްތައް މަދު ނަމަވެސް، ދިރާގުން އަންނަނީ ދުނިޔޭގެ ފޯނު އުފައްދާ ބޮޑު ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓުކުރާ ފޯނުތަކާއި ޑިވައިސްތައް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

5ޖީ ހިދުމަތް މިހާރު ލިބެމުން ދަނީ ވަރަށް މަދު ގައުމެއްގައެވެ. އަދި މިއަދު ދިރާގުން ރާއްޖޭގައި 5ޖީ ތައާރަފުކުރުމާއެކު ރާއްޖެ ވެގެންދިޔައީ ދެކުނު އޭޝިއާ ބައްރުގައި އެ ހިދުމަތް ލިބެން ފެށި ފުރަތަމަ ގައުމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟