އެންޓި ޑިފެކްޝަންގެ ގާނޫނު އެކުލަވާފައިވަނީ ގޭންގަކުން ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ އެހެން ވިދާޅުވެފައިވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން މި ގާނޫނު އުވާލަން ބޭނުންވަނީ މިއީ ރައީސް ޔާމީންގެ ސަރުކާރުން ފާސްކޮށްފައިވާ ގާނޫނަކަށް ވާތީ. މި ގާނޫނު ހެދީ ގޭންގަކުން،" އޭނާ ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވަގުތީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.