ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ސަޕޯޓް ހިދުމަތާއި ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް މިހާރު ލިބޭނެ ކަމަށެވެ. އަދި މަމެން މޯބައިލް އެޕާއި މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުމާއި ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް އަދި ދިރާގު ޕާޓްނަރު ފިހާރަތަކުން އާ މޮބައިލް ހިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކޭނެއެވެ.
ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕްވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ، މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކުރުން ކަމަށެވެ.
އަދި އަޕްގްރޭޑް މަސައްކަތަކީ ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ، ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަމަށާއި އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.