ކުޑަކުދީން

ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

ފަތޯނާ ފާއިޒު

ޑެންގީ ހުން ޖެހިގެން ކުޑަ ފިރިހެން ކުއްޖަކު ނިޔާ ވެއްޖެއެވެ.

ޑެންގީ ހުންޖެހިގެން ނިޔާވެފައިވަނީ، ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ކުއްޖެކެވެ.

ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަލީ ވިދާޅުވީ، ޑެންގީ ހުން ޖެހުނު ޕޭޝަންޓު ނިޔާވެފައިވަނީ އިތުރު ފަރުވާއަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެެޗަށް ޓްރާންސްފަރ ކުރި ފަހުން ކަމަށެވެ.

ޑެންގީ ހުން އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރުން މިދުވަސްވަރު ވަނީ އިތުރުވެފފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 330 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

މިއަހަރުގެ ޖެނުއަރީއިން ފެށިގެން މާޗް މަހުގެ ނިޔަލަށް 2474 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ހުޅުތަކުގައި ރިއްސުމާއި، ވަރަށް ބޮޑަށް ވަރުބަލިވުން ހިމެނެއެވެ.