ޕީޖީ އައިޝަތު ބިޝާމް

ޔާމީންގެ ދައުރުގައި އެއްވެސް ނުފޫޒެއް ނުފޯރާ، އެއްވެސް ބޭފުޅަކާއެކު ޑީލެއް ވެސް ނުހަދަން: ބިޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުރުގައި އެއްވެސް ނުފޫޒެއް ނުފޯރާ ކަމަށާއި އެއްވެސް ބޭފުޅަކާއެކު ޑީލެއް ވެސް ހައްދަވާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ޖުޑީޝަރީ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިޝާމް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނުވަތަ އެހެން ބޭފުޅަކާ ވެސް ޑީލެއް ހައްދަވާފައި ނުވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ދައުރުގައި އަޅުގަނޑަށް އެއްވެސް ނުފޫޒެއް ނުފޯރާ. އަޅުގަނޑު އެއްވެސް މީހަކާ ޑީލެއް ހަދާފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ޕީޖީ ބިޝާމް ވިދާޅުވީ މިހާރު އަދީބުގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ނޯންނާނެ ކަމަށާއި ނަމަވެސް ޅ. މާބިންހުރާގެ މައްސަލައިގައި ހައި ކޯޓުން ނިންމެވި ނިންމެވުމާ ދޭތެރޭގައި ހިތްހަމަނުޖެހޭތީ، އެ މައްސަލަ އަޅުގަނޑު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލައިގައި ޖަވާބު ހޯދަން ޖެހޭ ކަންތައްތަކެއް ހުރުމުން ޖަވާބު ލިބުމުން ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި 14 މައްސަލައާ ގުޅިގެން ކަން ކުރާނެ ގޮތެއް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެން ހިމެނޭ 14 މައްސަލައެއް މިހާރު އެއޮތީ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާފައި. އެހެންވިޔަސް އެ މައްސަލަތަކާ މެދު އަޅުގަނޑަށް ގޮތެއް ނިންމެން އަންނަނީ ޅ. މާބިންހުރާގެ މައްސަލައާ ގުޅިގެން މިހާރު އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް ވަރަށް ގިނަ ސުވާލުތަކެއްގެ ޖަވާބު އަޅުގަނޑަށް ބޭނުންވާތީވެ، އެކަންކަން ވަކިވަކިން ފާހަގަކޮށްފައި އަޅުގަނޑުގެ ފަރާތުން ހުށަހެޅީ. އެއަށް ޖަވާބު ލިބުނުހާ އަވަހަކަށް ދެން އޮތް 14 މައްސަލައާ ގުޅިގެން އަޅުގަނޑުމެން ކަން ކުރާނެ ގޮތެއް އެނގޭނީ،" އޭނާ ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ މައްސަލަތައް ހަވާލުކުރާ ޕްރޮސެކިއުޓަރުން މިވެނި ދައުވާއެއް މިވެނި މީހެއްގެ މައްޗަށް ކުރަން އަންގާފައި ނުވާނެ ކަމަށާއި ބައެއް ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓް ޓީމުތަކާ ވެސް ހަވާލުކުރެވޭ ކަމަށެވެ. އަދި މައްސަލަތައް ދިރާސާކުރުމަށްފަހު މަޝްވަރާގެ ތެރެއިން ކުރެވެން ހުރި ދައުވާތައް ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްސަލައިގެ ދައުވާއާ ގުޅޭގޮތުން ބިޝާމް ވިދާޅުވީ އެކަމުގައި ދައުވާކޮށްފައިވާނީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ޕީޖީއަށް ފޮނުވި ސިޓީގައި އޮތް މައުލޫމާތުތަކަކީ އަސާސް ކަމަށް ބަލައިގެން ކަމަށެވެ.

"މެމްބާޝިޕްއާ ގުޅުން ހުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިގެން ގޮސް، އެކި ފަހަރު މަތިން އެކި މައްސަލަތައް ނިމެމުން ގޮސް، އެންމެ ފަހުން 08 އޮކްޓޯބަރު 2018ގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމާ ގުޅިގެން އަޅުގަނޑު 12 މެމްބަރުންގެ މައްސަލަ އަނބުރާ ގެންނަން ނިންމީ. އެ ނިންމުން ނިންމާފައި އެއޮތީ އެ ހާދިސާ ހިނގި ދުވަހު ފުލުހުން މަގު ބަންދުކުރީ މެމްބަރުން ނޫން ބަޔަކު މަޖިލީހަށް ވަންނަން އުޅުމުން އެކަން ހުއްޓުވުމަށް ކަމަށްވާ އިރުގައި، ދައުވާ ކުރެވި އަސާސް ނެތި ގޮސްފައިވާތީ. އެއްވެސް ފަރާތަކުން އަޅުގަނޑަށް ގުޅާފައި މި މައްސަލަ މިހާރު ރިވިއު ކުރަން ވެއްޖެ ނޫންހެއްޔޭ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ދައުރުގައި ގިނަ ދުވަސްތަކެއްގެ މަތިން ރައީސް އޮފީހަށް ވަޑައިގަންނަވާ ވާހަކަތަކާ ގުޅޭގޮތުން ބިޝާމް ވިދާޅުވީ ރައީސް އޮފީހަށް ދާން ޖެހޭ ހަމައެކަނި ބޭނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކައުންސިލްގެ ބައްދަލުވުންތަކަށް ކަމަށާއި މިހާރުވެސް ހަފްތާއަކު އެއްފަހަރު އެ ކައުންސިލްގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ކަމަށެވެ.

"ތިބޭފުޅުން ތި ތުހުމަތުކުރައްވާ ކަހަލަ ކަންތައްތަކެއް ނުހިނގާ. އަޅުގަނޑު ރައީސް އޮފީހަށް ދާން ޖެހޭ އެންމެ ބޭނުމެއް އޮންނަނީ. އެ ބޭނުމަކީ އަޅުގަނޑަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މެމްބަރެއް އަޅުގަނޑަކީ، ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން. އެ ކައުންސިލްގެ ބައްދަލުވުންތައް ވަރަށް ގިނައިން ރައީސް އޮފީހުގައި ބޭއްވިފައި އެބަހުރި މިދިޔަ ދައުރުގައި ވެސް. މި ދައުރުގައި އެހާ ގިނަ ބައްދަލުވުންތަކެއް ނުބޭއްވޭ. މިހާރުވެސް ރައީސް އޮފީހަށް އެ ބައްދަލުވުންތަކަށް ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް އަޅުގަނޑު ދަން،" އޭނާ ވިދާޅުވިއެވެ.

ބިޝާމް އިތުރަށް ވިދާޅުވީ ރައީސް އޮފީހަށް ގެންގޮސް، މިވެނި ގޮތަކަށް ދައުވާކުރަން އެއްވެސް ބޭފުޅަކު އަންގަވާފައިނުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.