އިބްރާހިމް ޒަކީ
ބޮޑުދައިތައެއްގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު، އޭނާގެ އަތުން އަތުލައި އެކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ އެކުއްޖާގެ ހައްގުތައް ނުގެއްލޭގޮތަށް ވީހާވެސް އަވަހަށް ބަލައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އަންގައިފިއެވެ.
އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހެޅި އެ މައްސަލައާބެހޭގޮތުން، ކުރިއަށް ގެންދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ބޮޑުދައިތައަކީ އެކުއްޖާ އާއި، އޭނާގެ އެހެންކުދިން ގޮވައިގެން ލަންކާއަށް ގޮސް ކިޔަވައިދޭން ހުންނަ މީހެއް ކަމަށެވެ. އަދި މިހާދިސާ ދިމާވީ، އެކުއްޖާ ގޮވައިގެން ބޮޑުދައިތަ މާލެ އައިސް ލަންކާއަށް ފުރަން އުޅެނިކޮށް ކަމަށެވެ. މި މައްސަލައިގައި ފުރޭ ގޮތް ނުވުމުން އެކުއްޖާގެ އުނގެނުން ހުއްޓި، ބޮޑުދައިތައަށް ލަންކާއަށް ނުދެވުމުން، އެތަނުގައިތިބި އެހެން ކުދީންގެ އުނގެނުމަށްވެސް އަސަރުކުރަމުންދާ ކަމަށެެވެ.
ނަމަވެސް އެ މައްސަލައަކީ ޖެންޑާ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ކުއްޖާގެ ހައްގެއް ގެއްލޭނަމަ އެކަން ކަމަށް ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓްރީއަަށް އެންގުމަށް ވެސް ކޮމެޓީން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަ ގޮތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މޮނިޓާ ކުރުމަށްވެސް އެ ކޮމިޓީގެ މެންބަރުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މި މައްސަލައާބެހޭގޮތުން ކޮމިޓީގައި ކުރިއަށްގެންދިޔަ ބަހުސްގައި އެ މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތެއްގެ މައުލޫމާތެއް، ސަލާމަތަށް ޓަކައި ހާމަކޮށްފައެއް ނުވެއެވެ.
ބޮޑުދައިތައަކު ބަލަމުންދިޔަ 7 އަހަރުގެ ފިރިހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ ވަޅިން ބިރުދައްގައިގެން އޭނާގެ ބެލުމުގެ ދަށަށް ގެންދިޔަ ހާދިސާއެއް މިމަހު 10 ގައިވަނީ ހިނގައިފައެވެ.
ކ. އަތޮޅު ދިއްފުށީގައި ހިނގި މިހާދިސާގައި ދަރިފުޅަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ބައްޕަ ވަނީ ހައްޔަރު ކޮށްފައެވެ.