ކެއަރ ސޮސައިޓީގެ "ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް 2019" ކުރިއަށް ގެންދިއުމަށްޓަކައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކެއަރ ސޮސައިޓީން ކުރިއަށްގެންދާ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން އުފެއްދުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އެކުދިން ބޮޑުވެގެން ދާއިރު އަމިއްލައަށް އާމްދަނީއެއް ހޯދާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން އެ ސެންޓަރުން ކޮމްޕިއުޓަރ ސްކިލްސް، ފެހުން، ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.
ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ ނައުޝަން މުހައިމިން ވިދާޅުވީ ދިރާގު ފަދަ ކުންފުނިތަކުގެ އެހީ ވަރަށް މުހިންމު ކަމަށެވެ. މީގެ ސަބަބަކީ އެގޮތަށް އެންޖީއޯތަކަށް އެހީތެރިކަން ލިބޭ ކަމުގައި ވާނަމަ، ދެމެހެއްޓެނެވި ގޮތަކަށް މިފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމުގެ މަގުފަހި ވެގެންދާނެ ކަމަށެވެ. އެގޮތުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި ފާއިތުވެދިޔަ ތިން އަހަރު ކުރިއަށް ގެންދެވިފައިވާ އެއް ސަބަބަކީ ދިރާގުން ކެނޑިނޭޅި ވެދެއްވި އެހީތެރިކަމުންކަން ނައުޝަން ފާހަގަކުރެއްވިއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް އިސްކަމެއް ދެއެވެ. އެގޮތުން މީގެ ކުރިންވެސް ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ފެއްޓުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތު ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުންދީފައިވެއެވެ. އޭގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ކޮންމެ އަހަރަކު ބާއްވާ އެފަދަ ހަމައެކަނި ހަރަކާތެވެ.