ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ބިޝާމް އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޕީޖީ ބިޝާމް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.
ޖުޑީޝަރީ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކުރަނީ ޕީޖީ އޮފީހާއި ޗައިނާގެ ޕްރޮސެކިއުޝަންގެ އޮފީހާ ދެމެދު 2017 ވަނަ އަހަރުގެ ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަމްރީން ހޯދުމަށް އެ އޮފީހުގެ ވަކީލުން ފޮނުވާ ކަންކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ދެ ފަހަރަކު ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގޮސްފައެއް ނުވެއެވެ.