މުހައްމަދު މުސްތަފާ

މުސްތަފާގެ އަބުރާ ބެހުނު ކަމަށް ބުނެ ޗެނަލް13 ގެ މައްސަލައެއް ބްރޯޑުކޮމްއަށް

މުހައްމަދު އައުޒަމް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ ޗެނަލް 13 އާ ދެކޮޅަށް އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ބްރޯޑުކޮމް އަށް މައްސަލަ ހުށަހެޅުވުމަށްފަހު މައްސަލަ ހުށަހެޅުއްވި ފޯމް މުސްތަފާ ވަނީ އިއްޔެ ޓްވީޓު ކުރައްވައިފައެވެ.

މުސްތަފާ ހުށަހެޅުއްވި މައްސަލަ އަކީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ މުޒާހަރާގައި އޭނާއަށް ނިސްބަތްކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވާހަކަދެއްކެވި އިރު، އެ މަންޒަރު އަޑާއެކު ޗެނަލް 13 އިން ބްރޯޑްކާސްޓު ކޮށްފައިވާ މައްސަލައެވެ.

މުސްތަފާ އެދިވަޑައިގެންފައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލައި ޗެނަލް 13 ޖަވާބުދާރީކޮށް ފިޔަވަޅު އަޅައިދިނުމަށެވެ.

އެ ޓްވީޓުގައި މުސްތަފާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަކީ ރާއްޖެ ޓީވީ ޖޫރިމަނާކުރަން އުފެއްދިތަނެއް ނޫން ކަމަށެވެ. ރާއްޖެ ޓީވީ ޖޫރިމަނާކުރާ ފަދައިން ޗެނަލް 13 ވެސް ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރެވެން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އަބުރާ ބެހުނު މަންޒަރު އަޑާއެކު ބްރޯޑްކާސްޓު ކުރި ކަމަށް ބުނެ، ޝަރީފް ވެސް ވަނީ ޗެނަލް 13 އާ ދެކޮޅަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅުއްވާފައެވެ.

ޗެނަލް 13 އާ ދެކޮޅަށް މުސްތަފާ އަބުރުގެ މައްސަލައެއް ހުށަހަޅުއްވާފައި ވާއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.