އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ބާއްވާ ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފިއެވެ.
އޯރކާ މީޑިއާ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނުގައި ވާ ގޮތުގައި ބިޒްނަސް އެކްސްޕޯ 2019 ބާއްވަނީ 29 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރަށް ދަރުބާރުގޭގައެވެ.
މި އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާއި ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ. ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އެންމެ އެކަށީގެންވާ މާހައުލެއްގައި ދައްކައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޯރކާ މީޑިއާއިން ގެ ބަޔާނުގައި ވެއެވެ.
އެކްސްޕޯގައި ހަތަރު ސަމިޓެއް ކުރިއަށް ދާނެ ކަމަށްވެސް އެމީޑިއާއިން ބުނެއެވެ. އެއީ މޯލްޑިވްސް ޔަންގް އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ވުމަން އޮންޓަރޕްރެނުއަރސް ސަމިޓް، މޯލްޑިވްސް ޓެކް ސަމިޓް އަދި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓެވެ. ސަމިޓަކުން އެ ދާއިރާއެއްގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެއެވެ.
އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މާރކެޓިން މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ނަމަވެސް މި އަހަރުގެ މޭމަހުގެ ތެރޭ މި ކުންފުނި ވަނީ މީޑިއާއަށް ހާއްސަ ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.