އެޑިއުކޭޝަން މިނިސްޓްރީ

މާލެ އަތޮޅު، އަތޮޅު މަދަރުސާގެ ހަތަރު ބުރީގެ އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ކ. ގާފަރުގައި ހުރި މާލެ އަތޮޅު، އަތޮޅު މަދަރުސާގެ ހަތަރު ބުރީގެ އިމާރާތް އަޅަން މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު މަދަރުސާއަށް އިތުރުކުރުމަށް ހަދާ ހަތަރު ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވާސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 35 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. ޑަބްލިއު އެންޑް އޭ އޯވާސީސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޖުހަދު އަބްދުﷲ ޒުހައިރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޕީއެސްއައިޕީގެ ދަށުން ހަވާލުކުރި މިމަޝްރޫއަކީ ދެ ދަންފަޅިއަށް ކިޔަވައިދެމުން އަންނަ ކ. އަތޮޅު މަދަރުސާގެ ކިޔެވުން، އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓްގައި 16 ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލަކާއި 25 ދަރިވަރުންގެ ފާޚާނާއެއްގެ އިތުރުން ދެ ޗޭންޖިންރޫމް ހިމެނެއެވެ.

މިނިސްޓްރީން ބުނީ، މި ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ކަންކަމާއެކު ފަރުމާ ކުރެވިފައިވާ ސްކޫލެއް ކަމަށެވެ. ޕީ.އެސް.އައި.ޕީގެ ތެރެއިން ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން 20 މަޝްރޫއެއް ކުރިއަށްގެންދާ އިރު، އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 156 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓީން ވަނީ މިއަހަރުގެ ޖެނުއަރީ މަހު އަތޮޅުތަކުގެ 213 ސްކޫލުގެ ތެރެއިން އެއް ދަންފަޅިއަށް 134 ސްކޫލެއްގައި ކިޔަވައިދިނުމަށް ނިންމައިފައެވެ. ބާކީ ހުރި 79 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެވެ.