ރާއްޖޭގެ މީޑިއާތައް

ރައީސް އޮފީހުން މީޑިއާތަކާ ބައްދަލުކޮށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރި ދަތިތައް ސާފުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމެންޓުން، މީޑިއާތަކާ ބައްދަލުކޮށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ސާފުކޮށްފި އެވެ.

މީޑިއާތަކުގެ އެޑިޓަރުންނާ އެކު ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމެންޓުން ބޭއްވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަޅީން އިސްކޮށް ތިއްބެވީ އެ އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އާއި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު އެވެ.

މި ބައްދަލުވުމުގައި، ހަސަން އިސްމާއީލް ވަނީ ސަރުކާރު ތެރެއިން މީޑިއާތަކަށް މައުލޫމާތު ހޯދުމުގައި ހުރި ދަތިތައް އޮޅުންފިލުއްވައި ވަކިވަކި މައްސަލަ ތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެޑިޓަރުންގެ ފަރާތުން ފާހަގަކުރި މުހިންމު ބައެއް ނުކުތާތަކުގެ ތެރޭގައި، ބައެއް ވަޒީރުން އަދި މިނިސްޓްރީ ތަކުގައި މީޑިއާ ތަކުގެ ކަންކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުން ޖަވާބުދާރީ ނުވުމުގެ މައްސަލަ އާއި ޖަވާބުދާރީވުން އާދަޔާ ޚިލާފަށް ލަސްވުން ހިމެނެ އެވެ. އަދި ވަކީން ޚާއްސަކޮށް މި ފަހަކަށް އައިސް ދިމާވި ދެތިން މައްސަލައެއްގައި ބައެއް މުއައްސަސާތަކުން މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައި ވާތީ އެޑިޓަރުން ވަނީ އެކަން ސީރިއަސް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ބައެއް ވަޒީރުން އަދި މިނިސްޓްރީތަކުން އެކި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވެސް ބައެއް އެޑިޓަރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ހަސަން އިސްމާއީލް ވިދާޅުވީ، ރައީސް ސޯލިހުގެ ސިޔާސަތަކީ އެއްވެސް ކަމެއް ނުފޮރުވައި މީޑިއާތަކަށް މައުލޫމާތު ދިނުން ކަމަށާއި އެ ސިޔާސަތުގެ ދަށުން ހުރިހާ މިނިސްޓްރީ ތަކަށް ވެސް މީޑިއާ ޑައިރެކްޓަރުން ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީޑިއާ ޑައިރެކްޓަރަކު ވަކީން މިނިސްޓްރީތަކުގައި ބޭތިއްބުމަކީ މި ސަރުކާރުން ފެއްޓެވި ކަމެކެވެ.

ފާއިތުވި ބައެއް ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުގައި މައުލޫމާތު ލިބުން ފަސޭހަކަމާއި ވަކީން ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ހޯދުން ފަސޭހަކަން ފާހަގަކޮށް އެޑިޓަރުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެހެން ނަމަވެސް ސަރުކާރުގެ އެހެން ބައެއް ދިމަދިމާއިން މީޑިއާތަކަށް ދޮގު މައުލޫމާތުދިނުމުގެ ސަބަބުން ރައްޔިތުންނަށް ތެދު ނޫން މައުލޫމާތު ދެވުން ފަދަ ކަންކަން ދިމާވަމުންދާތީ، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް ވެސް އެޑިޓަރުން ވަނީ މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގެންފަ އެވެ.