ޝަހީދާ އަބްދުﷲ ސައީދު
ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށްދާކަމީ ސަރުކާރުން އިސްލާހަށް މަސައްކަތްކުރާކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖަިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުށަހަޅައިގެން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށްދާކަމީ ސަރުކާރުން އިސްލާހަށް މަސައްކަތް ކުރާކަމުގެ ހެއްކެއް ކަމަށެވެ. އަދި ރެކުމުގެ ބަދަލުގައި ސަރުކާރުން ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވުމަށް ވެސް ރޮޒެއިނާގެ ޓުވީޓުގައި ވެއެވެ.
ރޮޒައިނާގެ ޓުވީޓުގައި ވަކި ބޭފުޅެއްގެ ނަން ހާމަ ކުރައްވައިފައެއް ނުވެއެވެ.
ނަމަވެސް މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަންސް ކޮމިޝަނާ އަބްދުﷲ މުނާޒު ހާޒިރު ކުރެއްވުމަށް އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ. ނަމަވެސް ރޭ 8:00 ގައި ކޮމެޓީގެ ބައްދަލުވުމަށް މިނިސްޓަރު އިމްރާން ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން ކޮމެޓީއަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ލިބުނު އިރު އިމްރާން ހުންނެވީ ރާއްޖޭގެ ސުކޫލުތަކުގެ މެދުގައި ބާއްވާ އެތްލެޓިކްސް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ގދ. ތިނަދޫއަށް ވަޑައިގަތުމަށްޓަކައި އެއާޕޯޓުގައި ކަމަށެވެ.
އެހެންކަމުން ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޖަލުގެ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ޖަވާބުދާރީވެ ވަޑައިގަތީ އަބްދުﷲ މުނާޒެވެ.