ޕީޖީ އައިޝަތު ބިޝާމް

ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެންނަންޖެހޭ: ޕީޖީ

އިބްރާހިމް ޒަކީ

ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވުން ކަމަށާއި، އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި ދެމެހެއްޓެނި މުހިއްމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ވެސް ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން އިތުބާރު ނުކުރުން ކަމަށެވެ. އެކަމުގެ ސަބަބުން އެ ނިޒާމުގެ ތެރޭގައި މަސްްކަތްކުރާ ހުރިހާ މުއައްސަސާއަކަށް ގޮންޖެހުންތަކާ ދިމާވެފައިވާކަމަށް ބިސާމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނީ، މުހިއްމު ބަދަލުތަކެއް އައިސްގެން ކަމަށެވެ. ނަމަވެސް އެބަދަލު ތަކަކީ ދެމެހެއްޓެނިވި ބަދަލުތަކަކަށް ވާނަޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ޖުޑީސްޓްރިކްޝަންތަކުގައި އަމަލުކުރަމުން އަންނަ ފަދަ ޒަމާނީ، މައްސަލަތަކަށް ހައްލު ލިއްބައިދޭ ޖިނާއީ އިޖުރާއަތުގެ ގާނޫނަކާއި، ގާނޫނުލް އުގޫބާތެއް މި ގައުމުގައި މިހާރު އެބައޮތް ކަމަށެވެ. ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތައް އަދިވެސް މި ބަދަލުކަށް ބީރަށްޓެހި ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކި ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ނިސްބަތުން ކުދި ކުށް ކުރާ މީހުންނަށް ލިބިދޭ ލުއިތަކަށް މި ނިޒާމުގެ ތެރެއިން މަސައްކަތްކުރާ ފަރާތްތަށް އެކަށީގެންވާވަރަށް ހޭލުންތެރިވެފައި ނުވާކަން ފާހަގަކުރަން. ނަމަވެސް މި ނިޒާމު ފައްކާ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުުން ގުޅިގެން މިކުރާ މަސައްކަތްތަކުން މިކަންވެސް ހާސިލް ވުމާމެދު ޝައްކެއް ނުކުރަން،" ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުގެނައުމަށް އެންމެ މުހިއްމު ދައުރެއް އަދާ ކުރެވޭނީ މި ނިޒާމުގެ ތެރޭގަައި މަސައްކަތް ކުރާ މުއައްސަސާތަކުން ރައްޔިތުން ބަލައިގަންނަފަދަ އުސޫލަކަށް އަމަލު ކުރުމުން ކަމަށެވެ.

"މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ، ދެފުށް ފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެންކަމުން އިންސާފު ގާއިމް ވެގެން ދާތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ. އަދި މީ ރައްޔިތުންނާ ރައްޓެހި ނިޒާމަކުން ކުރާ މަސައްކަތަކަށްވެސް ވާންޖެހޭ،" ޕީޖީ ވިދާޅުވިއެވެ.