ޕީޖީ އައިޝަތު ބިޝާމް

ޖިނާއީ އަދަލުގެ ނިޒާމު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ހަދައި ފުރިހަމަ ކުރުމަަށް އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

ޖިނާއީ އަދަލުގެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރުމަށްޓަކައި، ވުޖޫދަށް ގެންނަންޖެހޭ ގަވާއިދުތައް ހަދައި ފުރިހަމަ ކުރުމަަށް، ކަމާބެހޭ މުއައްސަސާތަކަށް ފްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް އިލްތިމާސް ކުރައްވައިފިއެވެ.

ޕީޖީ މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮސެކިއުޓަރުންގެ މަހާސިންތާ ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު އިފްތިތާހު ކޮށްދެއްވަމުންނެވެ.

ޕީޖީ ވިދާޅުވީ، ޖިނާއީ އަދަލުގެ ނިޒާމު އެކަށީގެންވާ ގޮތުގައި، ތަންފީޒު ކުރުމަށްޓަކައި، މި ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާ ވަރަށްބޮޑު ކަމަށެވެ. އަދި އެކަމާބެހޭ ގާނޫނުތައް ތަންފީޒުކުރުމަށް ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެހޭ، ގަވާއިދުތައް މިއަދާހައަށް އައި އިރުވެސް އެކުލަވާލެފައިނުވާ ކަމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން މުޅި ނިޒާމަށް އޭގެ އަސަރު ދަނީ ކުރަމުން، އެހެންކަމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގިނަ މުއައްސަސާތަކުގެ އިސްވެރިން މިތަނުގައި ތިއްބެވުމާއެކު އަޅުގަނޑު އިލްތިމާސްކުރަން ބޭނުން މި ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ވުޖޫދަށް ގެންނަންޖެހޭ ގަވާއިދުތައް ހަދައި ފުރިހަމަ ކުރުމަަށް،" ޕީޖީ ބިސާމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، މިއަދަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި އުނި ކަންކަން ދެނެގަނެ އެކަންކަމަށް އެކަށީގެންވާ ވަށާޖެހޭ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ ދުވަހެއް ކަމަށެވެ.

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންވެފައިވާގޮތުން މި ނިޒާމުގައި އެންމެ މުހިއްމު ދަރުއެއް އަދާކުރާ އެއްފަރާތަކީ ޕީޖީ އޮފީސް ކަމަށާއި، އަދުލުއިންސާފު ކަށަވަރު ކޮށްދިނުމާއި ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމުގައިވެސް އެންމެ މުހިއްމު ދައުރެއް އދާކުރާ ދައުލަތުގެ އެއް މުއައްސަސާއަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކަމަށްވެސް ވިދާޅުވިއެވެ. އަދި ޖިނާއި މައްސަލަތައް ޕްރޮސެކިއުޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުހެން ކުރަމުން ގެންދަވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމް ފައްކާ ކުުމުގެ މަސައްކަތް، އަދުލު އިންސާފު ގާއިމް ކުުމުގައި ފުރިހަމައަށް ހަމަހަމަކަން ގާއިމް ކުރުމާއި ދެފުށް ފެންނަ، ދިވެހި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ގާއިމް ކުރުން،" ޕީޖީ ވިދާޅިުވިއެވެ.