މުހައްމަދު އައުޒަމް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ފްރޭމްކުރަން ޕީޕީއެމް އިން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ތުހުމަތު ކުރައްވައިފިއެވެ.
އަމީތު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައިގެން، ތެދުނޫން ބަޔާންތަކެއްގެ މައްޗަށް އުފަންކޮށްފައިވާ މައްސަލައެއް ޕީޕީއެމް އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަމީތު ވިދާޅުވީ އެއީ އެ މެމްބަރުންގެ އަބުރުކަތިލުމަށްޓަކައި ކޮށްގެން އުޅޭ ކަމެއް ކަމަށާއި ރިޔާސީ އިންތިޚާބުން ބަލިވިޔަސް އެއީ ބޮޑުވަރު ކަމަށެވެ. ނަމަވެސް ތުހުމަތުތައްކޮށް މައްސަލަ ހުށަހަޅާފައި ވަނީ ކޮން މެމްބަރުންތަކަކާ ދެކޮޅަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން ސިލްސިލާކޮށް އެ ޕާޓީގެ އޮފީސް ކުރިމަތީ ބޭއްވި މުޒާހަރާއެއްގައި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ޕީޕީއެމް އިން ބުނި ނަމަވެސް ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގިކަމުގެ ހެއްކެއް ނެތް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ، އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމްގައި ބުނެފައިވަނީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމް އިން ފާހަގަކުރާ މައްސަލަތައް ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރެވިދާނެ ކަމަށެވެ.