ކުޑަކުދީން

ރައީސްގެ މިސްކިތު ފްރެންޑުގެ މެސެޖު

މަރިޔަމް ޝަހުދާ

ފަސް އަހަރުގެ ކުޑަކުޑަ އަހުމަދު މަލީކް ވަހީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވާ ވީޑިއޯކޮޅެއް ފާއިތުވި ރަމްޟާން މަހު މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ. ކުޑަކުޑަ މަލީކްގެ ވާހަކަދެއްކުމާއި، ރައީސް ސޯލިހު މަލީކްއާ ދެމެދު ބެހެއްޓި އޯގާތެރިކަމާއި ގާތްކަން ވެގެންދިޔައީ އެތައް ބައެއްގެ ޝައުގުވެރިކަން އެކަމަށް ދަމައިގަތް ކަމަކަށެވެ.

މިފަހަރުވެސް ސޯޝަލް މީޑިއާ ފުރާލާފައިވަނީ ހަމަ މި ކުޑަކުޑަ މަލީކެވެ. އީދުގެ އުފަލުގައި އަދި ''މަދިރި ހޯހޯ''ގެ ހޭޝްޓެގާއެކު އެޗްޕީއޭ އަދި ރައީސް އޮފީހާ ގުޅިގެން އެލައިޑް އިންޝުއަރެންސް ކުންފުނިން މަދިރިން ރައްކާތެރިވުމަށް ފެށި ކެމްޕެއިންގެ ވީޑިއޯއިން މަލީކްގެ އެކްޓުކުރުމުގެ ހުނަރު ފެނިގެން ދިޔައެވެ. މިކަން ރައީސް ސޯލިހުވެސް ވަނީ ފާހަގަކުރައްވާފައެވެ. މި ވީޑިއޯ ޝެއާ ކުރަމުން ރައީސް ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ސޯލިހުގެ މިސްކިތު ފްރެންޑްގެ ހާއްސަ މެސެޖެއް ވާކަމަށެވެ.

ދެމިނެޓުގެ މި ކުޑަކުޑަ އިސްތިހާރުން މަލީކް ވަނީ މަދިރީގެ ސަބަބުން ޖެހޭ ބަލިތަކާއި، ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރުކަމަކީ މުހިއްމު ކަމެއްކަން ހަނދާންކޮށްދީފައެވެ. މީގެ އިތުރުން އީދު ދުވަހުގެ ހާއްސަކަން މިވީޑިއޯކޮޅުން ރަނގަޅަށް ފެނިގެން ދިޔައެވެ.