އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ އާސެނަލުން މިވަގުތު ބޭނުންކުރަމުން އަންނަ އެއް ނަންބަރު ފޯވަޑް، ޖަރުމަނުގެ ކައި ހަވާޓްސްއަށް ބޮޑު އަނިޔާއެއްގެ ލިބިފައިވާކަން އެ ކްލަބުން ޔަގީން ކޮށްދީފިއެވެ.
ހަވާޓްސްއަށް އަނިޔާވެފައި ވަނީ އެ ކްލަބުން ދުބާއީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިންނެވެ. އާސެނަލުން ދުބާއީގައި ތަމްރީނުތައް ފުރިހަމަކޮށްފައި ވަނީ ޔޫރަޕްގެ ފިނި މޫސުމުގެ ސަބަބުން އަނިޔާތައް ގިނަވެދާނެ ކަމަށް ބަލައިގެން، އެންމެ އެކަށޭނެ މޫސުމެއްގައި އަދި އެންމެ އެކަށޭނެ މާހައުލެއްގައި ތަމްރީނުތައް ކުރިއަށް ގެންދަންވެގެންނެވެ.
ދުބާއީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއްގައި ހަވާޓްސްގެ ފަލަމަސްގަނޑަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށް މީގެ ދެ ދުވަސް ކުރިން މީޑިއާތަކުން ރިޕޯޓް ކުރިއެވެ. އެކަމަކު އޭރު އަނިޔާގެ ބޮޑުމިން ޔަގީނެއް ނުވެއެވެ.
އާސެނަލުން ރޭ ބުނީ އުމުރުން 25 އަހަރުގެ ފޯވަޑް ހަވާޓްސްއަށް ސީޒަނުގެ ބާކީ ބައި ގެއްލިފައިވާ ކަމަށާއި، އޭނާ ދެން އެނބުރި ކުޅުމަށް ނުކުންނާނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރި ސީޒަނުގައި ކަމަށެވެ.
އެ ކްލަބުން ބުނީ ހަވާޓްސްގެ ފަލަސްމަނޑުގެ އޮޕަރޭޝަނަކަށް ދާން ޖެހިފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އޭނާ އެނބުރި އަންނާނީ ޕްރި ސީޒަނުގެވެސް ފަހުން، އަންނަ ސީޒަން ފެށޭތަނުން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ހަވާޓްސްގެ ރިކަވަރީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް އާސެނަލުން ބުންޏެވެ.
އާސެނަލަށް އެންމެފަހުން ކުޅުނު 34 މެޗުގައި ހަވާޓްސް ވަނީ 15 ގޯލު ޖަހައިދީފައެވެ. މިވަގުތު އެ ކްލަބުން ބޭނުންކުރާ ހަމައެކަނި ފޯވަޑަކީވެސް ހަވާޓްސްއެވެ.
އެއީ މީގެ ކުރިން ގެބްރިއަލް ޖީސަސްއަށް އޭސީއެލް އަނިޔާއަކާ ކުރިމަތިވެފައިވުމުގެ އިތުރުން ގެބްރިއަލް މާޓިނެލީއަށްވެސް ފަލަމަސްގަނޑުގެ އަނިޔާއަކާ ކުރިމަތިވެފައިވާތީއެވެ.
ކުރީގެ އަނިޔާތަކާ ގުޅިގެން އާސެނަލުން މިދިޔަ ޖެނުއަރީ މަހު އިތުރު ފޯވަޑަކަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވެ، ކޯޗު މިކޭލް އާޓެޓާ ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ. އެހެންނަމަވެސް، މިހާރު އޮތް ހާލަތުން އާޓެޓާއަށް ޖެހޭނީ އެކަޑެމީގެ ޒުވާން ފޯވަޑަކަށް ވިސްނަން ކަމަށް މީޑިއާތައް ބުނެއެވެ.