ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ވަރުގަދަ ކުރިމަތިލުން 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީވެސް އެންމެފަހުގެ ޗެމްޕިއަން ރެއާލެވެ. އެއީ 23 މެޗުން 50 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެތުލެޓިކޯ އޮތީ 23 މެޗުން 49 ޕޮއިންޓާއެކުގައެވެ. އެ ދެޓީމު އެއްވަރުވުމާއެކު ފައިދާ ނަގަން ފުރުސަތު ލިބުނީ ތިންވަނައިގައި 22 މެޗުން 45 ޕޮއިންޓާއެކު އޮތް ބާސެލޯނާއަށެވެ.
މެޗު ފެށިގެން ފުރަތަމަ ގޯލެއް ޖެހީ އެތުލެޓިކޯ މެޑްރިޑުންނެވެ. އެއީ ރެއާލް އޭރިއާ ތެރެއިން އޮރެލިއެން ޗުއަމެނީ، އެތުލެޓިކޯގެ ސަމުއެލް ލިނޯއަށް ކުރި ފައުލަކަށް ރެފްރީ ތިން ޕެނަލްޓީގައި ޖޫލިއަން އަލްވަރޭޒެވެ.
އެ ޕެނަލްޓީ ރަނގަޅު ނޫން ކަމަށް ރެއާލުން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރް ބަލައި ގޮތް ނިންމާފައެވެ. ޕެނަލްޓީ އަލްވަރޭޒް ފޮނުވާލީ މެދަށެވެ. އެއީ "ޕެނަންކާ" ސްޓައިލްގައެވެ.
އެ ގޯލާއެކު ރެއާލުން ކުރީގައި އޮވެ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ރެއާލުން ފެށީ ވަރުގަދަކޮށެވެ. 50 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލާ ބްލޮކްވެގެން ލިބުމާއެކު، ރެއާލްގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެ ގޯލަކީ އެމްބާޕޭގެ ކެރިއަރުގައި ކާމިޔާބުކުރި 500 ވަނަ ގޯލެވެ. އުމުރުން އެންމެ 26 އަހަރުގައި އެމްބާޕޭ 500 ހަމަކުރި އިރު، އޭނާއަކީ އެ އަދަދަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އެމްބާޕޭ 500 ގޯލު ހަމަކޮށްފައި ވަނީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެވެސް އަވަސް ކޮށެވެ.
މިހާތަނަށް މި ސީޒަނުގައި ރެއާލަށް 23 ގޯލު އެމްބާޕޭ ޖަހައިދީފައިވާ އިރު، އެ ގޯލަށްފަހުވެސް ރެއާލް ނުރައްކާކުރިއެވެ. އެމްބާޕޭގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ބެލިންހަމް ފޮނުވާލި ބޯޅައެއް ދަނޑިއަށްވެސް އަމާޒުވިއެވެ.