އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް

މެންބަރުންނަށް ފުރުސަތުދޭގޮތް ބަދަލުކޮށް 30 ދުވަހުގެ ތެރޭގައި މަޖިލިސް ގަވައިދު އިސްލާހުކުރަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮމިޓީއެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު ނިންމުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފިއެވެ.

ރޮޒެއިނާ މިގޮތަށް ހުށަހަޅުއްވާފައިވަނީ މަޖިލީގެ ގަވާއިދު އިސްލާހު ކުރުމާބެހޭގޮތުން ކުރިއަށް ގެންދިޔަ ބަހުސްގައެވެ.

ރޮޒެއިނާ ވަނީ މަޖިލިސް ގަވާއިދުގައި މަޖިލިސްބަހުސްއަށް މެންބަރުންނަށް ވަގުތު ދިނުމަށް މިހާރު ގަވާއިދުގައި އޮތް އުސޫލަށްވެސް ބަދަލު ގެނައުމަށް ހުށަހަޅުއްވައިފައެވެ.

ރޮޒެއިނާ ވިދާޅުވީ، މިހާރު މަޖިލީހުގައި އަމަލު ކުރަމުން އަންނަ ގަވާއިދަކީ މާކުރީގެ ގަވާއިދެއް ކަމަށާއި އެއީ އެޑޮޕް ކޮށްފައިވާ ގަވާއިދެއް ކަމަށެވެ. އަދި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ތެރޭގައި ފެނިގެންދިޔައީ ވަރަށް ހިތާމަވެރި ގޮތަކަށް ކަމަށާއި، ގަވާއިދަށް އެ މަޖިލީހުން އިސްލާހު ގެންނަމުން ދިޔައީ، އޭރު އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ބޭނުންފުޅުވާ ތަންތަންކޮޅު އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް އިސްލާހު ކުރާ ގޮތަށް ކަމަށެވެ.

އަދި މަޖިލިސް ގަވާއިދު އިސްލާހު ކުރުމަށް އޭރު އެކުލަވައިލި ކޮމިޓީން ކުރި މަސައްކަތް ވަނީ މަޖިލިސް ރައީސްގެ މޭޒުކޮޅުމަތީގައި ކަމަށާއި، އެ މަސައްކަތް މަޖިލީހުގެ ތަޅުމަށް އައިސްފައިނުވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ މަޖިލިސް ކުރިއަށް ދިޔައީ މައިނޯރޮޓީގެ އަޑު ކަނޑުވާލާފައި އޮވެގެން ކަމަށެވެ. އެހެންކަމުން މައިނޯރިޓީއަށް ހަމަހަމަ ފުރުސަތު އޮންނަ ގޮތަށް ގަވައިދު އިސްލާހު ގެންނަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

ރޮޒެއިނާ ވިދާޅުވީ ބަހުސްގައި ވަގުތު ޕާޓީތަކަށް ނިސްބަތް ކުރައްވައި، ދޭގޮތަށް އޮތުމުން ޕާޓީއަށް ދީފައި އޮންނަ ވަގުތު ހަމަވުމުން މުހިއްމު މައްސަލަތަކުގައި ބައެއް ދާއިރާތަކުގެ މެންބަރުންނަށް ބަހުސް ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންކަމުން ޕާޓީތަކައަށް ބަހުސްގެ ވަގުތު ދިނުމަށް ގަވާއިދުގައި އޮތް އޮތުން ބަދަލުކޮށް މެންބަރުންނަށް އަމާޒުކޮށް ކޮންމެ މެންބަރަކަށްވެސް ވަކި ވަގުތެއް ގަވާއިދުގައި ބަހުސަށް ކަނޑައެޅުމަށް ރޮޒެއިނާ ވަނީ ހުށަހަޅުއްވައިފައެވެ.