މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މިވަގުތު ފުޓުބޯޅައިގެ ޒިންމާ އެއްކޮށް އޮތީ މާޒިޔާ ބޮލުގައި އެޅިފައި: ޗެއާމަން ސާޖިދު

މިވަގުތު ރާއްޖޭގެ އެހެން ކްލަބުތައް އޮތް ހާލަތުން ފުޓުބޯޅައިގެ ޒިންމާ އެއްކޮށް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބޮލުގައި އެޅިފައި ކަމަށް ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަތަރު އަހަރުވެސް ރާއްޖޭގެ ފުޓުބޯޅަ ލީގު ކާމިޔާބުކުރި މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އިއްޔެ ވަނީ އާ ކޯޗެއްގެ ގޮތުގައި ސްޕެއިންގެ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒްގެ ސޮއި ހޯދައިފައެވެ.

މިދިޔަ އަހަރު އެއްކޮށް ރާއްޖޭގެ ފުޓުބޯޅަ ހުއްޓި، އެފްއޭއެމްވެސް ބޮއްސުން ލައިގެން ގޮސްފައިވާ އިރު، ލީގު މެދުކެނޑުމަށްފަހު ފުޓުބޯޅައިގައި ހަރަކާތްތެރިވި ހަމައެކަނި ކްލަބަކީ މާޒިޔާއެވެ. ސީޒަން ފަށަން ފުރަތަމަ ތާވަލުކުރީ ޖެނުއަރީ މަހަށް ނަމަވެސް، އެ މުއްދަތު ފަސްވެގެން ގޮސް، މިހާރު ސީޒަން ފަށަން އޮތީ އަންނަ މަހަށެވެ. ކުރިން ޖެނުއަރީގައި ސީޒަން ފަށާތީ މާޒިޔާއިން ތަމްރީނުތައްވެސް ފެށިވެސް މެއެވެ.

އޭގެ ކުރިން މާޒިޔާއިން ޗެލެންޖާސް ލީގަށް ވަރުގަދައަށް ތަމްރީނުތައް ހަދައި، އެ މުބާރާތްވެސް ކުޅެފައިވުމަކީ ގައުމީ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ފުޓުބޯޅައިގައި ދެމިތިބި ހަމައެކަނި ސަބަބެވެ. އަދި ކުޅުންތެރިންނަށް ފުޓުބޯޅައިގައި ހިފަހައްޓާލެވުނު ހަމައެކަނި ސަބަބަކީވެސް މާޒިޔާއިން މުސާރަ ދިނުމެވެ.

"(ކުޅުންތެރިން ގެންގުޅުމުގެ) ޒިންމާގެ ވާހަކައަކީ ދައްކަން ޖެހޭވެސް ވާހަކައެއް ނޫން. މާޒިޔާ އެކަނި މިވަގުތު އޮތީމަ، ފުޓުބޯޅައިގެ ޒިންމާ އެއްކޮށް މިއޮތީ މާޒިޔާ ބޮލުގައި އެޅިފައި. އެހެން ކްލަބުތައްވެސް ނުކުމެ ޒިންމާގެ ބައެއް ނަގައިިފިއްޔާ މާޒިޔާއަށްވެސް އެހެން ކަންކަން ކުރުމަށް ފުރުސަތު ލިބޭނެ،" ޗެއާމަން ސާޖިދު އިއްޔެ ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ މާޒިޔާއިން މިވަގުތު ގައުމީ ޓީމަށްވެސް ވިސްނައިގެން ކުޅުންތެރިން ގެންގުޅެމުންދާ ނަމަވެސް، އެއީ އެންމެ ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި އެހެން ކްލަބުތަކުންވެސް މަސައްކަތްކޮށް، ވާދަވެރި މާހައުލެއް އުފެދުން އެއީ މުހިއްމު ކަމެއް ކަމަށްވެސް ސާޖިދު ފާހަގަކުރެއްވިއެވެ.

"މާޒިޔާއަކީ ހަމައެކަނި ކްލަބެއް ނޫން. މާޒިޔާއިން ކުޅުންތެރިން މެނޭޖުކޮށް، މި މަސައްކަތް މެދުނުކެނޑި މިކުރަނީ އެހެން ވިޔަފާރިތަކުންނާ ގޮތްގޮތުން ލިބޭ ފައިސާއިން ބައެއް އިންވެސްޓް ކޮށްގެން. މާޒިޔާވެސް ބޭނުންވޭ އެހެން ވަރުގަދަ ކްލަބުތައްވެސް އޮންނަން. މާޒިޔާއަށް ކުޅުންތެރިން އަންނަ ވަރު އޭރުން މަދުވާނެ. މާޒިޔާއިން ކުޅުންތެރިން ގެންނަނީ އެ ކުޅުންތެރިންވެސް އަންނަން ބޭނުންވީމަ. އެހެން އެކަން އޮންނަނީ އެހެން ވަރުގަދަ ކްލަބުތައް މަދުވީމަ،" ޗެއާމަން ފާހަގަކުރެއްވިއެވެ.

ސްޕެއިން ކޯޗެއް ގެނައީ ތިރި ފުޓުބޯޅައަށް ޓާގެޓް ކުރަން

މާޒިޔާއިން އިއްޔެ ލުއިސްމާ އިއުލާނުކޮށްފައިވާ އިރު، އޭނާ ކޯޗުކަމަށް ގެނެސްފައިވަނީ އޭއެފްސީ ޗެލެންޖާސް ލީގަށް ގެނައި ކޯޗު، ސާބިއާގެ ޑްރަގަން ޑުކަނޯވިޗް އެއްބަސްވުން ހަމަވެ، ފޮނުވާލުމަށްފަހުއެވެ. މާޒިޔާއިން ޑްރަގަން ގެނައީ އޭއެފްސީ ޗެލެންޖް ލީގަށެވެ. އެ މުބާރާތުގައި މާޒިޔާގެ ފަރާތުން ފެނުނީ ދަށް ނަތީޖާތަކަކެވެ.

އިއްޔެގެ ޕްރެސްގައި މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ) ވިދާޅުވީ ސްޕެއިންގެ ޓެކްޓިސްއަށް ފަރިތަ ކޯޗެއް ގެނައީ ތިރި ފުޓުބޯޅައަށް ފޯކަސް ކުރުމަށް ކަމަށެވެ.

"ސްޕެއިންގެ ކޯޗެއް ގެންނަން ވިސްނި އެއް ސަބަބަކީ ދިވެހި ކުޅުންތެރިންގެ ހަށިގަނޑަށްވެސް ވިސްނާފައި، ތިރި ފުޓުބޯޅައަށް ފޯކަސް ކުރުމަށް. އަޅުގަނޑުމެން އެންމެފަހުން ކުޅުނު މުބާރާތުގައި (ޗެލެންޖާސް ކަޕްގައި) ބޮޑަށް ފޯކަސް ކުރީ މުޅިން ތަފާތު ފުޓުބޯޅައަކަށް. ފިޒިކަލީ ވަރުގަދަ، މަތިން ކުޅޭ ފުޓުބޯޅައަކަށް. އެ ސްޓައިލްގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު. މެޗުން ބަލިވުމުގެއިތުރުން ކުޅުންވެސް ރީއްޗެއް ނުކުރެވުނު. ކުރިން އެކަމަކު ބައެއް ކޯޗުންނާއެކު މެޗުން ބަލިވިޔަސް، މާޒިޔާގެ އޭއެފްސީ ކަޕް މެޗުތަކުގައި ޕޮސިޝަނިންނާ އެއްޗެހި ރަނގަޅަށް ހުންނާނީ. އެހެންވީމަ ތިރިން ޕޮސިޝަން ފުޓުބޯޅަ ކަމަށް މި ބެލެވެނީ އެންމެ ކާމިޔާބީއަކީ،" ވައްކޭ ވިދާޅުވިއެވެ.

މިވަގުތު މާޒިޔާ އޮތް ހާލަތުން އެފްއޭއެމްއިން ގައުމީ ޓީމަށް ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި މާޒިޔާ ބައިވެރިވާ ވާހަކަ ދެކެވޭ ކަމަށް އިއްޔެ ނޫސްވެރިޔަކު ސުވާލުކުރުމުން ވައްކޭ ވަނީ އެވާހަކަ ދޮގުކުރައްވައިފައެވެ. އަދި އެފްއޭއެމްއަށް އެހެން ގޮތްގޮތުން އަބަދުވެސް ކަންކަން ރަނގަޅުކުރަން އެހީތެރިވެދެއްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.