ސްޕެނިޝް ލަލީގާ

ބާސާއިން "ސިޔާސީ ނުފޫޒުން" އޮލްމޯ ރަޖިސްޓްރީ ކުރުމުން އެތުލެޓިކޯގެ ފާޑުކިޔުން!

މުޙައްމަދު ޝަމްޢޫން

ބާސެލޯނާއަށް މި ސީޒަނަށް ގެންދިޔަ ސްޕެއިންގެ ތަރި ޑެނީ އޮލްމޯ، ސީޒަނުގެ ފަހު ބަޔަށް ރަޖިސްޓްރީ ކުރުމަށް، ސްޕެއިންގެ ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން ދިން ހުއްދައަށް އެތުލެޓިކޯ މެޑްރިޑުން ފާޑު ކިޔައިފިއެވެ.

އޮލްމޯ، 26، ޖަރުމަނުގެ އާރްބީ ލެއިޕްޒިގުން ބާސާއާ ގުޅިފައިވަނީ 51 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޮލްމޯ ބާސާއަށް ގެންގޮސް، އެ ކްލަބުން އޭނާ ވަގުތީ ގޮތުން ރަޖިސްޓަރީ ކުރީ ސީޒަނުގެ ފުރަތަމަ ބަޔަށެވެ. އެއީ ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންއަށް އަނިޔާވުމުން، އޭނާ ސްކޮޑުން ބޭރުކޮށްފައެވެ.

އޮލްމޯގެ އިތުރުން ޕައު ވިކްޓޯއަށް ވެސް ގާތްގަނޑަކަށް އެ ހާލަތު ދިމާވެފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ފުޓުބޯޅަ އިދާރާ އާއި ލަ ލީގާއިން ވަނީ ބާސާއިން ކުޅުންތެރިން ރަޖިސްޓްރީ ކުރަން ހުށަހެޅި ޕްރޮޕޯސަލަށް ނޫނެކޭ ބުނެފައެވެ.

އެ މައްސަލަ ބާސާއިން ކޯޓަށް ހުށަހަޅާފައިވާ އިރު، އެ ކްލަބުން ހުށަހެޅި މައްސަލަ ނިމެންދެން އޮލްމޯ އާއި ވިކްޓޯ ރަޖިސްޓްރީ ކުރުމަށް ހުއްދަ ދިނީ ސަރުކާރުން އައްޔަން ކޮށްފައިވާ މެންބަރުން ތިބޭ ސްޕޯޓްސް ކައުންސިލުންނެވެ.

"ސްޕެއިންގެ ފުޓުބޯޅައިގައި މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު މި ކްލަބުން ފާހަގަކުރަން ބޭނުންވޭ. ގައުމީ ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ނިންމުމާ އެކު މިހާރު އޮތް ފުޓުބޯޅައިގެ މުޅި ހާލަތު އޮތީ ބަދަލުވެފަ. އަދި މިހާރު އޮތް އުސޫލު އޮތީ ފުނޑުފުނޑުވެދާނެ ހާލަތެއްގައި. ސަރުކާރުން އެކަހަލަ ކަންތަކަށް ނުފޫޒު ފޯރުވުމުން އުސޫލު މުގުރާލަން އެހެން ކްލަބުތަކަށްވެސް ބާރު ލިބޭ. އަދި އިންސާފުން ބޭރުން ކަންކަން ކުރުމަށް މަގުފަހިވޭ،" އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައިވެއެވެ.

ބާސާއާ ދެކޮޅަށް އެތުލެޓިކޯއިން ބަޔާން ނެރެފައިވާ އިރު، ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ލަ ލީގާގެ ރައީސް ހާވިއާ ތޭބާސްވެސް ވާހަކަ ދައްކާފައިވެއެވެ.