ދުނިޔެ

ބޯކޮށް ވާރޭވެހި މެލޭޝިޔާ އާއި ތައިލެންޑުގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ތައިލެންޑާއި އިން ވެގެން އޮންނަ މެލޭޝިޔާ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެގައުމު ގުޅޭ ސަރަހައްދުގައި ފެންބޮޑުވެ 12 މީހުން މަރުވެއްޖެއެވެ.

ފެން ބޮޑުވުމުގެ ސަބަބުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނަ އިރު މެލޭޝިޔާއިން ވަނީ އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ 122،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ތައިލެންޑުން ވެސް ވަނީ އެގައުމުގެ ދެކުނުގެ ސަރަހައްދުން 13،000 އަށްވުރެން ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ވަނީ ދެގައުމު ގުޅޭ ސަރަހައްދުގައި އަދިވެސް މޫސުން ގޯސް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.

ތައިލެންޑުން ވަނީ އެގައުމުގެ ހަ ޕްރޮވިންސެއްގައި ކާރިސާގެ ހާލަތު އިއުލާންކޮށް ރެސްކިއު ޓީމުތައް އެސަރަހައްދުތަކަށް ފޮނުވައިފައެވެ.

މެލޭޝިޔާއިން ވެސް އެގައުމުގެ އަށް ސްޓޭޓަކަށް ގެއްލުން ވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށް އެގައުމުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.