ދުނިޔެ

ތައިލެންޑުގެ މަސްބޯޓުތަކަކަށް މިޔަންމާގެ ނޭވީން ހަމަލާ ދީފި

މުހައްމަދު އައުޒަމް

ތައިލެންޑުގެ މަސްބޯޓުތަކަކަށް މިޔަންމާގެ ނޭވީން ހަމަލާ ދީފިއެވެ.

މި ބޯޓުތަކަށް ހަމަލާ ދިނުމުގެ އިތުރުން، 31 މަސްވެރިޔަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ތައިލެންޑުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ތައިލެންޑަށް ނިސްބަތްވާ 15 ބޯޓު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު އެތަނުން ދެ ބޯޓަކަށް މިޔަންމާގެ ނޭވީން ހަމަލާދީފައިވަނީ މިޔަންމާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާ ހިނގުމާއެކު މަސްވެރީންގެ ތެރެއިން ތިން މީހަކު ކަނޑަށް ވެއްޓުނު ކަމަށާއި އެތަނުން އެކަކު މަރުވެފައިވާކަމަށް ތައިލެންޑުގެ މިލިޓަރީ އޮފިޝަލުން ބުނެއެވެ.

ތައިލެންޑުގެ މިލިޓަރީ އޮފިޝަލުން ވަނީ މަސް ބޯޓުތަކުގެ ތެރެއިން 31 މަސްވެރިން ތިބި ބޯޓެއް މިޔަންމާގެ ނޭވީގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށާއި އެމީހުން ސަލާމަތްކުރުމަށް ދެގައުމު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް ބުނެފައެވެ.

ތައިލެންޑާއި މިޔަންމާގެ ގުޅޭ ކަނޑުގެ ސަރަހައްދަކީ މަސްވެރިކަމުގައި ދެގައުމުވެސް ބޭނުންކުރާ ސަރަހައްދެކެވެ. ދެގައުމުގެ މަސްވެރިންވެސް އޮޅިގެން މަނާ ސަރަހައްދަށް ވަދެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.