ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި ދައުލަތުގެ ބާރުތަކުގެ އެންމެ އިސްވެރިޔަކީ ރައީސެވެ. ދެން އެއަށްފަހު ނާއިބުރައީސެވެ. ރައީސާއި ނާއިބުރައީސްގެ ގުޅުން ގޯސްވެ އަރައިރުންތަކެއް އުފެދި ކޯޅުންތަކެއް ފެށިއްޖެނަމަ ދެންވާނީ ކިހިނެއްބާވައެވެ. ދެންވާނެގޮތް ދެނެގަތުމަށްޓަކައި މިވަގުތު ބަލަންޖެހޭ ގައުމަކީ ފިލިޕީންސެވެ. ދެކުނު އިރުމަތީ އޭޝިޔާގައި ގާތްގަޑަކަށް 119 މިލިޔަން މީހުންގެ އާބާދީއެއް ލިބިގެންވާ ފިލިޕީންސެވެ. އެގައުމުގެ މިހާރުގެ ރައީސަކީ ފާޑިނާންޑް މާކޯސް ޖޫނިއަރ އެވެ. އުމުރުފުޅުން 67 އަހަރުވީ މާރކޯސްއަކީ 1965 ވަނަ އަހަރުން ފެށިގެން 1986 ވަނަ އަހަރާ ހަމައަށް ދިގު 31 އަހަރު ވެރިކަން ކުރެެއްވި ފާޑިނަންޑް މާރކޯސް ސީނިއަރގެ ދަރިކަލުންނެވެ. ނާއިބުރައީސަކީ އުމުރުފުޅުން 46 އަހަރުވީ ސާރާ ޑުޓާރޓޭއެވެ. އެކަމަނާއަކީ 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ރޮޑްރިގޯ ޑުޓާރޓޭގެ ދަރިކަނބަލުންނެވެ.
މީގެ މާނަޔަކީ ކޮބައިހެއްޔެވެ. މާނަ ވަރަށްވެސް ސާފެވެ. ރައީސަކީ ކުރީގެ ރައީސެއްގެ ދަރިކަލެކެވެ. ނާއިބުރައީސަކީ ކުރީގެ އެހެން ރައީސެއްގެ ދަރިކަނބަލުންނެވެ. މި ދެ އާއިލާއަކީ މިވަގުތު ފިލިޕީންސްގައިވާ އެންމެ ބާރުގަދަ ސިޔާސީ ދެ އާއިލާއެވެ. މީގެ ތެރެއިން އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް އިހުތިރާމް ކުރެެއްވުމެއް ތަބާވެވެވަޑައިގަތުމެއް ނެތެވެ. ފެންނަނީ ކޯޅުންތަކާއި ބަހުގެ ހަމަލާތަކެވެ. ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެޔޭ ބުނެވޭ އުސޫލުން ގައުމުގެ ބޮޑު ދެގެރި ތަޅަންފެށީމާ ބާރުކުރަނީ އަދި ދެރަޔާއި ނިކަމެތިކަން ލިބެމުންދަނީ ރައްޔިތުންނަށެވެ. ރައްޔިތުން އެބަބުނެއެވެ. އެންމެފަހުން 2022 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މި ދެބޭފުޅުން ވެރިކަމަށް ގެންނަން ވޯޓުދިނީ މިހެންވާނެ ކަމަށް ބަލައިގެނަކުން ނޫނެވެ. އުންމީދުކުރީ ގުޅިގެން އެކުވެރިކަންމަތީ ކުރިއަށް ވަޑައިގަންނަވާނެ ރައީސަކާއި ނާއިބުރައީސަކަށެވެ. ދައުރު ދެބައިވެސް ނުވަނީސް މިފެނުނީ މުޅިން އެހެން މަންޒަރެކެވެ.
ފިލިޕީންސްގެ ރައްޔިތުން އިންތިޚާބުކުރީ ދެ ސިންގާއެވެ. އެހެންވީމާ ދުވަސްކޮޅެއްގެ ފަހުން އޭގެ އަސްލު ކުލަޔާއި ސިފަ ފެންނަންފެށީއެވެ. ދެ ސިންގާ އޭގެ އަސްލު ކުލަޔާއި ސިފަ ދައްކަންފެށީއެވެ. މިހެންވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި އިންތިޚާބު ބާއްވާ ގޮތާއި ފިލިޕީންސްގައި އިންތިޚާބު ބާއްވާގޮތް ވަރަށް ތަފާތެވެ. އެމެރިކާއާއި ދިވެހިރާއްޖެ ފަދަ ގައުމުތަކުގައި ރައީސާއި ނާއިބުރައީސް ހޮވަނީ އެއްވޯޓަކުންނެވެ. ޕެކޭޖެއްގެ ގޮތުގައެވެ. ނާއިބުރައީސަކީ ރައީސަކަށް ހޮވޭ ބޭފުޅެއްގެ ރަނިންމޭޓެވެ.
އެހެންވީމާ މިދެންނެވި ގައުމުތަކުގައި ރައީސާއި ނާއިބުރައީސަކީ ސިޔާސީގޮތުން އެއްޕާރުސަލެކެވެ. ދެބޭފުޅުންވެސް ހިއްސާކުރައްވަނީ އެއް މެނިފެސްޓޯއެކެވެ. އެކަމަކު ފިލިޕީންސްގައި މިކަން އޮންނަނީ މުޅިން ތަފާތުކޮށެވެ. ރައީސަކު ހޮވަނީ ވަކި ވޯޓަކުންނެވެ. ނާއިބުރައީސް ހޮވަނީ އަދި މުޅިން އެހެން ވޯޓަކުންނެވެ. މިކަން މިހެން އޮތީމާ މުޅިން ވާދަވެރި ސިޔާސީ ފިކުރުގެ ދެ ހަތުރުންނަށްވެސް މި ދެމަގާމަށް އައުމުގެ ފުރުސަތު އޮވެއެވެ. އެންމެ ފަހުގެ އިންތިޚާބުގައި ވެގެންދިޔައީ މިހެންނެވެ. ރައީސާއި ނާއިބުރައީސް ހުވައިކުރައްވަނީވެސް ދެ ތާރީޚެއްގައި ވަކިންނެވެ. ނާއިބުރައީސް ސާރާ ޑުޓާރޓޭ މަގާމުގެ ހުވައި ކުރެއްވީ 2022 ވަނަ އަހަރުގެ ޖޫން ނަވާރައިގައެވެ. ރައީސް މާރކޯސް ހުވާކުރެއްވީ އޭގެ އެގާރަ ދުވަސްފަހުން ތިރީސް ޖޫންގައެވެ. ރައީސްކަމަށް މާރކޯސް ވަރަށް ތަފާތުބޮޑު ނަތީޖާއަކުން ހޮވުނު ގޮތަށް ނާއިބުރައީސްކަމަށް ޑުޓާރޓޭ ހޮވުނީވެސް ހަމައެހާ ބޮޑު ތަފާތަކުންނެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދެ ބޭފުޅުންގެ ގުޅުންތައް ވަރަށް ގޯހެވެ. ހުޅުފަޅައިގެންދިޔައީ ޚާރިޖީ ސިޔާސަތު ބައްޓަންކުރަންވީ ގޮތަކާމެދު ދެބޭފުޅުންގެ ޚިޔާލު ތަފާތުވެ އަރައިރުމަކަށް ބަދަލުވުމުންނެވެ. މިހާރު ދެބޭފުޅުންވެސް އެތިއްބެވީ ކަނޑި ބަޑިޔާއި ލޮންސި ނަންގަވައިގެން ވަރުގަދަ ހަނގުރާމައެއްގައެވެ. އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ފުރާނަވެސް ނެރެލަން ފަސްނުޖެހެމޭ އެބަވިދާޅުވެއެވެ. މި ހަފުތާގެ ހޮނިހިރު ދުވަހު ނާއިބުރައީސް ސާރާ ޑުޓާރޓޭ ވިދާޅުވީ އޭނާ އަވަހާރަކޮށްލުމަކީ ރައީސް މާރކޯސްއާއި އޭނާގެ ބައިވެރިންގެ އެދުމެއް ކަމަށެވެ. މިކަން މިމަގުން ހިނގައިފިނަމަ ގިނަދުވަސްތަކެއްވެސް ނުވެ ރައީސް މާރކޯސްގެ ހަށިގަނޑާއި ފުރާނަވެސް ދެތަންވާނެ ކަމަށް ސާރާ ޑުޓާރޓޭ އިންޒާރު ކުރެެއްވިއެވެ. އެކަމަނާ އަވަހާރަކޮަށްލައިފިނަމަ ރައީސް މާރކޯސްއާއި އޭނާގެ އަނބިކަނބަލުންނާއި ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ގާތިލަކު ހޯދައި ކޮންޓްރެކްޓެއް ދީފައިވާ ކަމަށްވެސް ސާރާ ވިދާޅުވިއެވެ.
މިއީ ރައީސް މާރކޯސް އަވަހާރަކޮށްލާނެ ކަމަށް ނާއިބުރައީސް ސާރާ ޑުޓާރޓޭ ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. ރައީސްގެ ބޮލާއި ކަނދުރާ ވަކިކޮށްލާނަމޭ ހިތަށް އަރާކަމަށް ހުސްވި އޮކްޓޫބަރުމަހުގެ ތެރޭގައިވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ރައީސްގެ ދެކަނބަލުންނާއެކު ގާނޫނުހަދާ މަޖިލީހުގެ ރައީސް މާޓިން ރޮމިއުލްޑެޒް އަވަހާރަކޮށްލާނެ ކަމަށް ނާއިބުރައީސް މިވިދާޅުވަނީ ނާއިބުރައީސްގެ އޮފީހަށް ކަނޑައެޅޭ ބަޖެޓުގެ ތިންބައިކުޅަ ދެބައި އުނިކުރުމަށް ގާނޫނުހަދާ މަޖިލީހުން ނިންމާފައިވާތީ އެކަމުގެ ރުޅިވެރިކަމުގައެވެ. ނާއިބުރައީސަކީ ގައުމު ހިންގުމުގައި އަނެއްހެން މާބޮޑު ސީދާ ރޯލެއް އަދާކުރައްވާ ބޭފުޅެއް ނޫނެވެ. އޮންނަނީ ރައީސް ހަވާލުކުރައްވާ މަސައްކަތެކެވެ. ރާއްޖޭގައިވެސް މިކަން އޮންނަ ބީދައިންނެވެ. އަދި ރިޔާސީ ނިޒާމު އޮންނަ ގިނަ އެހެން ގައުމުތަކުގައިވެސް މިކަން އޮންނަ ފަދައިންނެވެ. ކޮންމެއަކަސް ރައީސާއި ނާއިބުރައީސްގެ މި ކޯޅުންތަކުގައި ރައްޔިތުން ޖެހޭނީ ކޮން ކޮޅަކަށްކަން އިސާހިތަކު އެނގިދާނެއެވެ. ގާނޫނުހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓް ކުރިއަށް އޮތް މެއިމަހު ބާރަވަނަ ދުވަހު ނަގާނެއެވެ.