މުހައްމަދު އައުޒަމް
އިންޑިއާގެ އެއާލައިންތަކަށް މި އަހަރު މިހާތަނަށް 999 ބޮމުގެ އިންޒާރު ދީފައިވާ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ގައުމުގެ ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުރްލިދާރް މޮހޮލް ވިދާޅުވީ، އިންޑިއާގެ އެއާލައިންތަކަށް މި އަހަރުގެ މިހާތަނަށް ދީފައިވާ 999 ބޮމުގެ އިންޒާރަކީ މިދިޔަ އަހަރުގެ ޖުމުލަ އަދަދަށްވުރެ ދިހަ ގުނަ އިތުރު އަދަދެއް ކަމަށެވެ.
ނަމަވެސް އެ ހުރިިހާ އިންޒާރުތަކަކީ ވެސް ފޭކު އިންޒާރުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ނުރައްކަލަކާއި ކުރިމަތިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުރްލިދާރް ވިދާޅުވީ، އިންޒާރުތަކާ ގުޅިގެން ނުރައްކަލެއް ކުރިމަތި ނުވި ނަމަވެސް ފްލައިޓް ޝެޑިއުލްތަކާއި ހިދުމަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
އިންޑީއާގެ އެއާލައިންތަކަށް މި އަހަރު އެންމެ ގިނަ ބޮމުގެ އިންޒާރު ދީފައިވަނީ އޮކްޓޯބަރު މަހުގެ ފަހު ދެ ހަފުތާގައެވެ. އެ މުއްދަތުގައި 500 އަށްވުރެ ގިނަ އިންޒާރު ލިބިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. އެ އިންޒާރުތަކުގެ މައްސަލަ އިންޑިއާގެ ފުލުހުން ބަލާފައިވާއިރު، އެ މައްސަލަތަކުގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.