އިމާދު ލަތީފު
ލުބުނާނުގެ ޝީއީންގެ ހަތިޔާރުއެޅި މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ ހިޒްބު ﷲ އާއި އިޒްރޭލުގެ ޒަޔަނިސްޓް ލަޝްކަރާ ދެމެދު ހަމަލާތަކެއް ބަދަލުކުރެވެމުންދާތާ ތޭރަމަސް ވެއްޖެއެވެ. ފާއިތުވި ދެމަހެއްހައި ދުވަހުގެ ތެރޭގައި މި ކުރިމަތިލުންތައް ހުޅުވިފައިވާ ބޮޑު ހަނގުރާމައަކަށްވެސް ވަނީ ބަދަލުވެފައެވެ. މި ހަނގުރާމައިގައި ލުބުނާނުގެ އެތައް ހާސްބަޔަކު ޝަހީދުވެއްޖެއެވެ. ހިޒްބު ﷲ ގެ މުޖާހިދުންގެ ތެރެއިންނެވެ. ލުބުނާނުގެ އާއްމު ރައްޔިތުންގެ ތެރެއިންނެވެ. އަދި އިޒްރޭލުގެ ޒަޔަނިސްޓް ސިފައިންނާއި ޔަހޫދީ އާއްމުންގެ ތެރެއިންވެސް އެތައް ބަޔަކު މަރުވެއްޖެއެވެ. މިހިސާބަށް ކަންތައްދިޔަ ފަހުން ފްރާންސުން ހޯހޯއޭ ގޮވައި އެތައް މަސައްކަތެއް ކުރަންފެށީމާ އެމެރިކާވެސް މީގެތެރެއަށްވަދެ އެއްބަސްވުމެއް ފައިދާކުރުވައި ދެފަރާތުގެ ހަމަލާތައް މި ހަފުތާއިން ފެށިގެން ހުއްޓުވައިފިއެވެ. ހަމަލާތައް ހުއްޓުވުމުގައި ޖާމިނުވަނީ ފްރާންސާއި އެމެރިކާއިންނެވެ. އެ ދެގައުމުން އެބަބުނެއެވެ. މިހިސާބުން ލުބުނާނުގެ ހަނގުރާމަ ހުއްޓުނީއެވެ.
ހަގީގަތުގައިވެސް ހަނގުރާމަ ހުއްޓުނީ ބާވައެވެ. ނޫނެކެވެ. ހުއްޓުނީއެއް ނޫނެވެ. ހުއްޓޭނީ ހަނގުރާމައިގެ ސަބަބުތައް ހައްލުކުރެވިގެންނެވެ. އެކަމެއް ނުވެއެވެ. ފްރާންސާއި އެމެރިކާ މެދުވެރިވެގެން މިފަހަރު ކުރެވުނު ކަމަކީ ހަމަލާތައް މިވަގުތަކަށް މެދުކަޑައިލުމެވެ. އެކަންވެއްޖެއެވެ. ލުބުނާނުގެ ތެރެއިން އިޒްރޭލަށް ރޮކެޓް ފޮނުވުން ހުއްޓިއްޖެއެވެ. އިޒްެރޭލުން ލުބުނާނަށް ބޮންއެޅުމާއި މިސައިލް ފޮނުވުމާއި ޑްރޯނުން ހަމަލަދިނުން ކަހަލަ އުދުވާންތައްވެސް ހުއްޓިއްޖެއެވެ. އަލުން ހަމަލާތައް ފެށޭނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދާއިމީ އެއްޗަކަށް ހެދުމުގެ މަސައްކަތެވެ. މިކަން ދާއިމީ ކުރަންޏާ ހަނގުރާމައިގައި ޝާމިލްވާ ދެފަރާތުންވެސް އެދޭ ކަންކަން ހުންނާނެއެވެ. ވަކި ބަޔަކު މޮޅެއް ނުވެއެވެ. ދެރައެއްވެސް ނުވެއެވެ. އެކަމަކު ލުބުނާނު އޮތީ ސުންނާފަތި ވެފައެވެ. އިޒްރޭލުގެ އުތުރުބިތުގެ އަވަށްތައްވެސް ވަނީ ގާތްގަޑަކަށް ފަޅުވެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މި އެއްބަސްވުމާމެދު ވިދާޅުވެފައިވަނީ މިއީ ލުބުނާނާއި އިޒްރޭލުގެ އިމަށް ދާއިމީ ސުލްހައެއް ގެނެވޭނެ އެއްބަސްވުމެއް ކަމުގައެވެ. މިފަހަރު ހަމަލާތައް ހުއްޓައިލުމަށް ވެވުނު އެއްބަސްވުން އެކުލެވިގެންވަނީ ޖުމްލަ ތޭރަ ނުގުތާގެ މައްޗަށެވެ. ނުވަތަ ތޭރަ ކަމެއްގެ މައްޗަށެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ހިޒްބު ﷲ އާއި އިޒްރޭލުގެ ހަގުރާމަ ހުއްޓުވުން ކަމަށްވިޔަސް ހިޒްބު ﷲ އަކީ މި އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ. ބައިވެރިޔަކީ ލުބުނާނެވެ. ލުބުނާނުގެ ސަރުކާރެވެ. އެހެންވީމާ މިއީ ލުބުނާނާއި އިޒްރޭލުގެ މެދުގައިވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ސަރުކާރަށް ކުރަން ލާޒިމު ކަމަކީ ލުބުނާނުގެ ސަރަހައްދުގެ ތެރެއިން ހަނގުރާމަވެރި އެއްވެސް ޖަމާއަތަކަށް އިޒްރޭލާ ދެކޮޅު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ބަންދުކުރުމެވެ. ހަމައެފަދައިން ލުބުނާނުގެ މަދަނީ އަމާޒަކަށްވެސް އަސްކަރީ އަމާޒަކަށްވެސް އަދި އެނޫންތާކަށްވެސް އިޒްރޭލުން ހަމަލައެެއް ނުދޭނެއެވެ.
މި އެއްބަސްވުމުގެ ބިންގަލަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ 1701 ވަނަ ގަރާރެވެ. މިއީ އެންމެފަހުން 2006 ވަނަ އަހަރު ހިގި ހަގުރާމަ ހުއްޓުވުމަށްޓަކައި ފާސްކުރެވުނު ގަރާރެކެވެ. މި ގަރާރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްވެސް އިސްތިސްނާއެއްނެތި ލުބުނާނާއި އިޒްރޭލުންވެސް އަމަލުކުރުން ލާޒިމުކޮށްފައިވެއެވެ. މި ގަރާރަށް އަމަލުކުރުމުގެ މާނަޔަކީ ލުބުނާނުގެ ދެކުނުގައި ތިބި ހިޒްބު ﷲ ގެ މުޖާހިދުން އެ ސަރަހައްދުން ދުރަށްދާން ޖެހުމެވެ. ހިޒްބު ﷲ އިން ހަދާފައިވާ އަސްކަރީ ޕޯސްޓުތައް ރޫޅާލައި ހަތިޔާރުވެސް ދުރަށް ގެންދަންޖެހުމެވެ. އެގޮތުން އިޒްރޭލުގެ ސަރަހައްދީ އިމުން ފެށިގެން ގާތްގަޑަކަށް ތިރީސް ކިލޯމީޓަރުގެ ސަރަހައްދެއް ހިޒްބު ﷲ ގެ ހަރަކާތްތައް ނުހިނގާ ޒޯނަކަށް ބަދަލުކުރަން ޖެހޭނެއެވެ. އިޒްރޭލުގެ އެއްގަމު ސިފައިން މިހާރު ތިބީ ލުބުނާނުގެ ތެރޭގައެވެ. މިއެންމެން ކުރިއަށް އޮތް ފަސްދޮޅަސް ދުވަހުގެ ތެރޭގައި ލުބުނާނުން ފައިބަންޖެހޭނެއެވެ.
އެމީހުން ފައިބަމުންދާ ވަރަކުން ލުބުނާނުގެ ސިފައިން އެ ސަރަހައްދުތަކުގައި ގާއިމުވަމުންދާނެއެވެ. އެގޮތުން ދެކުނު ލުބުނާނުގައި ލުބުނާނުގެ ސަރުކާރު ސިފައިންގެ ދިހަހާހަށްވުރެ ކުޑަނޫން ލަޝްކަރެއް ދާއިމީ ގޮތެއްގައި ގާއިމުވެގެން އޮންނާނެއެވެ. ފެންނަ ފެނުމުގައި މިވަގުތު ހިޒްބު ﷲ އޮތީ މި އެއްބަސްވުމުގައި ބުނާ ކަންކަމަށް ރުހިގެންނެވެ. އެހެން ހީވާގޮތަކީ ހިޒްބު ﷲ އިން އިޒްރޭލަށް އަމާޒުކޮށް އައު ހަމަލާތަކެއް ދީފައިނުވާތީއެވެ. ހަނގުރާމައިގެ މައިދާން މިވަގުތަކަށް ހިމޭންވެފައިވާތީއެވެ. އެކަމަކު މިހިސާބުން ސުވާލުތަކެއް އުފެދެއެވެ. ހިޒްބު ﷲ އަކީ ލުބުނާނުގެ ރައްޔިތުންގެ މައްޗަށް އެކުލެވޭ ލުބުނާނުގެ ޖަމާއަތަކަށްވާއިރު ހިޒްބު ﷲ އިން ލުބުނާނުގެ ދެކުނުން ފައިބާނެބާވައެވެ. ހަތިޔާރުތައް ދުރަށް ގެންދާނެ ބާވައެވެ. އަމިއްލަ ރުހުމުގައި އެކަން ނުކުރާނަމަ ގަދަކަމުން އެކަން ކުރެވޭހާ އާރާއި ބާރު ލުބުނާނުގެ ސަރުކާރު ސިފައިންނަށް ލިބިގެންވޭ ބާވައެވެ. ކެރޭނެ ބާވައެވެ.
ލުބުނާނުގެ ހާލަތަށް ބަލާއިރު ނުވަތަ ބާރުގެ ތިލފަތަށް ބަލާއިރު ލުބުނާނުގެ ސިފައިންނަކީ ހިޒްބު ﷲ ޖަމާއަތަށްވުރެ ބާރުހުރި ބައެއް ނޫނެވެ. ގަދަބާރުން ހިޒްބު ﷲ އަށް ކަމެއް މަޖުބޫރު ކުރެވޭހާ ބާރެއް ސަރުކާރު ސިފައިންނަކަށް ނެތެވެ. އެހެންވީމާ ދެންއޮތް ކަމަކީ ލުބުނާނުގެ އަސްކަރިއްޔާ އަލުން ބަލުން ތަރުތީބުކޮށް ވަރުގަދަ ކުރުމެވެ. މިކަން ކުރެވޭހާ ފައިސާއެއް ވަސީލަތެއް ލުބުނާނުގައި ނެތެވެ. އެކަން ކުރެވޭނީ ބާރުގަދަ ގައުމުތަކުގެ އެހީތެރިކަން ލިބިގެންނެވެ. ފްރާންސާއި އެމެރިކާއިން ބުނަނީ ލުބުނާނުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށްޓަކައި ފައިސާޔާއި ހަތިޔާރު ދޭނޭކަމުގައެވެ. މިކަން މިމަގުން ކުރާއިރު މަޑުމަޑުން ދުރުގައި ބަލަހައްޓައިގެން ހިޒްބު ﷲ އޮވެދާނެ ބާވައެވެ. ހިޔެެއް ނުވެއެވެ. ކޮންމެއަކަސް މިއީ އަދި އެނގޭ ކަމެއް ނޫނެވެ. މިކަންކަން ކަށަވަރު ނުވަންޏާ އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު އޮންނާނެއެވެ. މިވަގުތަކަށް ލުބުނާނުގެ ނަސާރާއިންނާއި ސުންނީންނާއި ޝީއީންގެ މެދުގައި އަހުލީ ހަނގުރާމައެއް ނެތަސް އެކަންވެސް އަލުން ފެށުމަށް ފުރުސަތު އޮންނާނެއެވެ.