މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޕަންޕު ބޭނުންކޮށް ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ކުރަމުން ގެންދާކަމަށެވެ. އެގޮތުން ފެން ހިންދުމަށް ޕަންޕު ބޭނުން ކުރަމުން ގެންދަނީ އައިޖީއެމްއެޗް ކައިރީގައި އާއި ވެސްޓްޕާކު ކައިރި އަދި ބޮޑުަތަކުރުފާނު މަގު ދުވާ ޓްރެކް ކައިރީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ހިނގާމީހުންނާއި ދުއްވާމީހުންނަށް އުނދަގޫވާ ވަރަށް މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ. ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިޔަށް އޮތް ހަފުތާ އަކީވެސް ވިއްސާރަ ހަފްތާއެއް ކަމަށާއި ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.