ފިތުރު އީދު ދުވަހާ ގުޅުވައިގެން މާލޭގައި ބޮޑު ހަވީރެއް ބާއްވަން ނިންމައިފިއެވެ.
"އީދު ހަވީރު 1446"ގެ ނަމުގައި އެ ހަރަކާތް ބާއްވަނީ ސިފައިންނާއި ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހަރަކާތުގެ ބޭނުމަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުން ކަމަށެވެ.
އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް އެ ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މާލެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައެވެ.
އެ ސަރަހައްދަށް އީދު ހަވީރަށް ޒިޔާރަތްކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، އީދު ހަދިޔާދިނުން ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.