ވެހިކަލް އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ކުންފުނި ފޯޑް އިން ޑެލިވަރީ ރޮބޮޓެއް އުފައްދައިފިއެެވެ.
ފޯޑުން އުފައްދާފައިވާ މި ޑެލިވަރީ ރޮބޮޓްގެ ނަމަކީ ޑިޖިޓް އެވެ. އަމިއްލަޔަށް ހިނގާފައި ގޮސް ގޭގެ ދޮރާހިސާބަށް ޑެލިވަރީ ކޮށްދެއެވެ. ފޯޑުން މިހާރު އުފައްދަމުން އަންނަ ސެލްފް ޑްރައިވިންގ ކާރު ތައާރަފު ކުރުމުން މިރޮބޮޓްގެ ބޭނުން ކުރާނެކަމަށް ރިޕޯޓު ތަކުން ބުނެއެވެ.
ފޯޑުން ދެކޭގޮތުގައި ސެލްފް ޑްރައިވިން ކާރުގެ އެހީގައި ޕެކޭޖު ޑެލިވަރީ ކުރިނަމަވެސް ބައެއް މީހުން ގެއިން ނިކުމެގެން ޕެކޭޖް ހޯދުމަށް ދާން މަސައްކަތަކަށް ވެއެވެ. ޑެލިވަރީ ރޮބޮޓުގެ އެހީގައި މިކަމަށް ހައްލު ލިބޭނެކަމަށް ފޯޑުން ބުނެއެވެ.
ފޯޑުން ބުނީ ޑިޖިޓް ޑެލިވަރީ ރޮބޮޓުން ބަރުދަނުގައި 40 ޕައުންޑް ހުންނަ ޕެކޭޖް ހިފައިގެން ހިނގާފައި ދޮރާ ހިސާބަށް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި ސިޑިން އެރުމުގެ ގާބިލުކަން މި ޑެލިވަރީ ރޮބޮޓަށް ލިބިގެން ވާކަމަށް ވެސް ވަނީ ބުނެފައެވެ.
މުސްތަގްބަލުގައި ފޯޑުން މިޑެލިވަރީ ރޮބޮޓު ބޭނުންކުރާނީ ކިހިނެއްކަމެއް ބުނެފައެއް ނުވެއެވެ. ފޯޑުން އަމިއްލަ ޑެލިވަރީ ވިޔަފާރިއަށް ވަންނަން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެހެން ކުންފުނިތަކާ ޕާޓްނާޝިޕްގެ ދަށުން މަސައްކަތް ކުރެވިދާނެކަމުގެ ސިގްނަލް ވަނީ ދީފައެވެ.