ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ގެއްލޭނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ރެއާލުން އެންމެފަހުން ލީގުގައި ލެގާނޭސްއާ ދެކޮޅަށް ކުޅެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިނީޝިއަސްގެ ގޯލެއްވެސް ފެނިގެން ގޮސްފައިވެއެވެ.
އެ މެޗު ތެރެއިން ވިނީޝިއަސްގެ ފަލަމަސްގަނޑަށް އަނިޔާވެ، ރެއާލުން މި ހަފުތާގެ ޗެމްޕިއަންސް ލީގު މެޗަށް އިއުލާނުކުރި ސްކޮޑުގައި އޭނާގެ ނަން ހިމަނާފައެއް ނުވެއެވެ. ރެއާލުން ބުނީ ވިނީޝިއަސްގެ ވާތު ފައި ފަލަމަސްގަނޑުގެ ބައިސެޕް ފެމޯރިސްއަށް ގެއްލުންވެފައިވާ ކަމަށެވެ.
އަނިޔާއިން ރަނގަޅު ވާން ނަގާނެ ވަކި މުއްދަތެއް ރެއާލުން ބުނެފައެއް ނުވެއެވެ. ސްޕެއިންގެ ނޫސްތަކުން ބުނީ ވިނީޝިއަސްގެ އަނިޔާއަކީ އެހާ ކުޑަ އަނިޔާއެއް ނޫން ކަމަށާއި، ރިކަވަރީއަށް މަސް ދުވަސް ހޭދަވާނެ ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓުތަކާ ގުޅިގެން ރެއާލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރެއާލް މިވަގުތު އޮތީ ޗެމްޕިއަންސް ލީގު ތާވަލުގެ 18 ވަނައިގަ އެވެ. ސީޒަން ފެށުން ގޯސްކޮށް ގޮސްފައިވާ އިރު، ލިވަޕޫލާ ދެކޮޅަށް ކުޅޭ ލީގު ބުރު މެޗަކީ ރެއާލަށް މުހިއްމު މެޗެކެވެ.