މުހައްމަދު އައުޒަމް
އިސްރާއީލުން މެދުތެރޭ ބޭރޫތަށް ދިން ހަމަލާއެއްގައި 15 މީހަކު މަރާލައިފިއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ހަމަލާ އަމާޒުވެފައިވަނީ މީހުން ދިރިއުޅޭ ގެއަކަށް ކަމަށް އޮފިޝަލުން ބުނެއެވެ. އެ ގެ ބިމާހަމަވެފައިވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން ދިން ހަމަލާގައި 15 މީހަކު ޝަހީދުވެފައިވާއިރު ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ. އަނިޔާވި މީހުންގެ އަދަދު 63 އަށް އަރާފައިވާއިރު މީހުންގެ އަދަދު ޔަގީން ކުރުމުގެ މަސައްކަތް ލުބުނާނުގެ ހެލްތު މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ރެސްކިއު ޓީމުތަކުން އަންނަނީ ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާގައި ވެއްޓުނު އިމާރާތުގެ ދަށުގައި އިތުރު މީހުން ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ރިިޕޯޓުތައް ބުނެއެވެ.
ހަމަލާގެ ކުރިން އިސްރާއީލުން އެއްވެސް އިންޒާރެއް ދީފައިނުވާއިރު އަދި މިހާތަނަށް އެ ހަމަލާ ދިން ސަބަބު ހާމަކޮށްފައިވެސް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.