ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަކަމުގައިބެލެވޭ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހުއްޓުވުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން މަސައްކަތް ކޮށްފައިނުވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އަންގައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާ ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް)ގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާއިން މަނީލޯންޑަރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގިއިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވި މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އިތުރު ތަހުގީގު ކުރިއަށް ގެންދިއުމަށް ޕީޖީން އަންގާފައިވާކަމަށެވެ.
މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ޚިޔާނާތުގެ ރިޕޯޓާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި މަރުކަޒީ ބޭނުންކުގެ އިތުރުން އެމްއެމްޕީއާރްސީން ދޫކޮށްފައިވާ ލޯނުތަކެއްގެ މައްސަލަވެސް އޭސީސީން ވަނީ ތަހުގީގުކޮށްފައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެންޓި-ކޮރަޕްޝަންސް ކޮމިޝަންގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީން އެސްއޯއެފްގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް މަނީލޯންޑަރިން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލާގައި އެމްއެމްއޭގެ އިހުމާލު އޮތްކަމަށާއި، އަދި ދައުވާކުރަންޖެހޭ ކަމަށް އޭސީސީގެ ތަހުގީގަށް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ މައުލޫމާތު ހިއްސާކުރި ކަމަށާއި، ނަމަވެސް މަނީލޯންޑަރިންގެ ގާނޫނުގެ ދަށުން އިތުރު ތަހުގީގެއް ކުރުމަށް ޕީޖީން ލަފާދީފައިވާކަމަށްވެސް މުއައްވިޒް ވިދާޅުވިއެވެ. އަދި މަނީލޯންޑަރިންގެ ގާނޫނުގެ ދަށުން އެ މައްސަލަތައް ތަހުގީގު ކުރެވޭނީ ފުލުހުންނަށް ކަމަށްވާތީ، ޕީޖީން ލަފާދެއްވިގޮތަށް އިތުރު ތަހުގީގެއް ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް މުއައްވިޒް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ އެކައުންޓަކުން، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅިކަމަށާއި، ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މަނީލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ނުފޮނުވި މައްސަލައިގައި އޭސީސީން ސުވާލުކޮށް ބަޔާން ނެގި ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި، އެފްއައިޔޫގެ ކުރީގެ ހެޑް، އިބްރާހިމް އާތިފް ޝަކޫރުގެ އިތުރުން އެމްއެމްއޭގެ އިސް ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ.